ދަޅުގެ ބޭރުގައި ޒީރޯ ކޯކު ނުވަތަ ޑައެޓް ކޯކު ޖަހާފައި ވީ ނަމަވެސް އޭގައި ހަކުރު ހިމެނޭނެ ކަމަށް ގިނަ މީހުން ބުނެ އެވެ. އެއީ އޭގައި ހަކުރު ރަހަ ހުންނާތީ އެވެ. އެހެން ނަމަވެސް އެ ދެ ވައްތަރުގެ ކޯކަކީ އެއަށް ހަކުރު އެއްކުރެވިފައިވާ ބުއިމެއް ނޫނެވެ. ވީމާ ޑައެޓް ކޯކު ބުއި ނަމަވެސް ނުވަތަ ޒީރޯ ކޯކު ބުއި ނަމަވެސް ލޭގައި ހަކުރު ހިމެނޭ މިންވަރަކަށް ބަދަލެއް ނާންނާނެ އެވެ.
ޒީރޯ ކޯކު އަދި ޑައެޓް ކޯކުގެ ނަން ދެވިފައި ވަނީ އެ ދެ ބުއިމަށް ފޮނި ރަހައެއް ލެއްވުމަށް އެއްކުރެވިފައިވާ މާއްދާއަށް ރިއާޔަތް ކޮށެވެ. ޑައެޓް ކޯކަށް އެއްކުރެވިފައިވާ މާއްދާއަށް ދެވިފައިވާ ނަމަކީ "އެސްޕާޓޭމް" އެވެ. މި މާއްދާގެ ސަބަބުން އާންމުކޮށް ބޭނުންކުރާ ހަކުރަށް ވުރެ ގަދަ ފޮނި ރަހައެއް ލީ ނަމަވެސް ކެލޮރީސް (ހަކަތަ) ހިމެނިފައެއް ނުވެ އެވެ.
ޑައެޓްކޯކާ ޚިލާފަށް ޒީރޯ ކޯކުގައި ހިމަނާފައި ހުންނަނީ އާދައިގެ ހަކުރާ އެއްގޮތް ރަހައެއް ހުންނަ މާއްދާ އެކެވެ. ނުވަތަ މާއްދާތަކެކެވެ. އެއީ "ސުކްރަލޯސް"، "އެސުލްފޭމް ޕޮޓޭސިއަމް"، "މޮންކްފްރުޓް"، އަދި "ސްޓީވިއާ" ކިޔާ ބާވަތްތަކެކެވެ. މީގެ ސަބަބުން ޒީރޯ ކޯކު އަސްލުކޯކާ ރަހައިގެ ގޮތުން އެއްކަހަލަ ހެން ހީވާނެ އެވެ. ވީމާ އެއީ ޑައެއްޓް ކޯކު ވިޔަސް، ޒީރޯ ކޯކު ވިޔަސް އޭގައި ހަކުރު އެކުލެވިފައެއް ނުވެ އެވެ.
ހަކުރުގެ ރަހަ ގެނައުމަށް އެއްކުރެވޭ މާއްދާތަކުގެ ސަބަބުން ލޭގައި ހަކުރު ހިމެނޭ މިންވަރަށް ސީދާ ބަދަލެއް ނާންނާނެ ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެ އެވެ. އެހެން ނަމަވެސް އެފަދަ ބުއިން ބޭނުންކުރާ މީހެއްގެ ލައިފްސްޓައިލް، ބަލި، ޖެނެޓިކްސް އަދި ހޯމޯންސްގެ ސަބަބުން އެ މައްދާ ހަށިގަނޑުން ބަލައިގަންނަ ގޮތް ބަދަލުވެ އެވެ. އެހެން ނަމަވެސް އެ ބަދަލަކީ ކުޑަ ބަދަލެއް ކަމަށާއި، އެ ބަދަލު ބިނާވަނީ އެފަދަ މީހަކު ކޯކް ބުއި މިންވަރެއްގެ މައްޗަށް ކަމަށެވެ. ކަން މިހެން އޮތް ނަމަވެސް ޑައެޓް ކޯކު އަދި ޒީރޯ ކޯކު ބޭނުން ކުރަން ވާނީ މަދުންނެވެ.
ބަރުދަން ލުއިކުރުމަށް ބަލާއިރު ޒީރޯ ކޯކު ވިއަސް އަދި ޑައެޓް ކޯކް ވިއަސް ލިބެނީ އެއް ނަތީޖާ އެކެވެ. އާދައިގެ ކޯކަށް ވުރެ މި ބުނި ދެ ބުއިން ވެސް ބަރަދުދަން ލުއިކުރަން ބޭނުންވާ މީހަކަށް ފައިދާ ކުރެ އެވެ. ނަމަވެސް އެއީ އެމީހެއްގެ ކެއުން ބުއިމާއި ނިދުން އަދި ހެލިފެލިވެ އުޅުމަށް ރަނގަޅު ބަދަލެއް ގެނެސްފައިވާ ނަމަ އެވެ.
ކޯކަކީ ސިއްހީ ގޮތުން ފައިދާ ހުރި ބުއިމެއް ނޫނެވެ. ޑައެޓް އަދި ޒީރޯ ކޯކު ވެސް ހަމަ އެފަދަ އެވެ. އެހެން ނަމަވެސް ހަކުރު ގިނަ އަދަދަކަށް ހިމެނޭ ކޯކަށް ވުރެ ޑައެޓް އަދި ޒީރޯ ކޯކު ރަނގަޅު ވާނީ އޭގެން ލޭގައި ހަކުރު ހިމެނޭ މިންވަރު މަތިކޮށް ނުދޭތީ އެވެ.
ކޮންމެ ކޮންމެ ގޮތަކަށް ނިދައިގެން ހަގީގީ ފައިދާއެއް ނުލިބޭނެ!
ފެހިކަން ގަދަ ފަތްޕިލާވެލިން ސިއްހަތަށް ގިނަ ފައިދާތަކެއް!
ދިރާގުޕޭއިން ދޭ 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހަމަވަނީ