އޮސްޓްރޭލިއާގެ ސިޑްނީގެ މަޝްހޫރު ބޮންޑައި ބީޗްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލީ ބައްޕައަކާއި އޭނާގެ ދަރިފުޅު ކަމަށާއި އެ ހާދިސާގައި މިހާތަނަށް 15 މީހުން މަރުވެފައިވާ ކަަމށް އެ ގައުމުގެ ތަހުގީގީ އިދާރާތަކުން ބުނެފި އެވެ.

މަރުވި މީހުންގެ އަދަދު 15 އަށް އަރާފައި ވާއިރު މިއީ ޔަހޫދީންނާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ. ހަމަލާ ދީފައިވަނީ ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ކަމަށްވާ ހަނޫކާ ފާހަގަކުރަމުން ދަނިކޮށެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ހަމަލާ ދިނީ އުމުރުން 50 އަހަރުގެ މީހަކާއި އޭނާގެ 24 އަހަރުގެ ފިރިހެން ދަރިފުޅު ނަވީން އަކްރަމް އެވެ. އެ މިއީ ހުއްދަ އޮވެގެން ބަޑި ގެންގުޅޭ އޮސްޓްރޭލިއާ ބައެއް ކަމަށާއި ހަމަލާގެ ތެރޭގައި ބައްޕަ މަރުވެފައިވާއިރު ދަރިފުޅު ވެސް ވަރަށް ބޮޑަށް ޒަހަމްވެ އޮތީ ސީރިއަސް ހާލަތެއްގަ އެވެ.

އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ. އެއީ މަރުވި އެންމެ ހައްގު ކުއްޖާ ކަމަށް ވާއިރު މަރުވި އެންމެ ދޮށީ މީހާގެ އުމުރަކީ 87 އެވެ.

އިތުރު 42 މީހަކު ޒަހަމްވެގެން ފަރުވާ ދެމުން ދާއިރު އޭގެ ތެރޭގައި ދެ ފުލުހަކު ވެސް ހިމެނެ އެވެ.

ހަމަލާދެމުން ދަނިކޮށް، ހަތިޔާރެއް ނެތް އާންމުންގެ މީހަކު ވަނީ ހަމަލާ ދިން 50 އަހަރުގެ މީހާގެ ފަހަތުން ގޮސް ބައްދައި ވައްޓާލުމަށް ފަހު އެ މީހާގެ ބަޑި އަތުލައިފަ އެވެ. މީޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޖެހިލުން ކުޑަ ކަންތައް ކޮށްފައިވަނީ މުސްލިމެކެވެ. އެ މީހާއަށް ވެސް ވަނީ ބަޑީގެ ވަޒަން އަރައި ޒަހަމްވެފަ އެވެ.

މިއީ ޔަހޫދީންނާ ދެކޮޅު އަމަލުތަކާ މެދު ގައުމުތަކުގެ ވެރިން އަޅާނުލުމުގެ ނަތީޖާ ކަމަށް ބުނެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވާހަކަ ދައްކައިފަ އެވެ. ހަމަލާ ކުށްވެރިކޮށް ގައުމުތަކުން ބަޔާން ނެރެމުން ދާއިރު އޭގެ ތެރޭގައި އިޒްރޭލާ އެންމެ ދެކޮޅުވެރި ގައުމުގެ ގޮތުގައި ބެލެވޭ އީރާން ވެސް ހިމެނެ އެވެ.