އަދިވެސް ހިންގަން ނުފަށާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)އަށް 10 މެނޭޖަރުން ހިމެނޭ ގޮތަށް، 13 މަގާމަކަށް މުވައްޒަފުން ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
ޑީބީއެމް އިން ވަކިވަކިން ކުރި އިއުލާންތަކުގައި ވަނީ އެ ބޭންކުގެ އެކި ޑިޕާޓްމަންޓްތަކުގެ މެނޭޖަރު ލެވެލްގެ 13 މަގާމަކަށް މީހުން ހޯދަން ބޭނުންވާ ކަމަށެވެ.
މަގާމުތަކަށް ހޯދަނީ މާކެޓިކް އެގްޒެކެޓިވްއަކާއި ތިން ފައިނޭންސް މެނޭޖަރުންނާއި ދެ ކޮމްޕްލަޔަންސް މެނޭޖަރުންނާއި ދެ ފްރޮންޓް އޮފީސް އެގްޒެކެޓިވުންނާއި އައިޓީ މެނޭޖަރަކާއި އެޗްއާރު އެންޑް އެޑްމިން މެނޭޖަރަކާއި ކްރެޑިޓް އެންޑް ރިސްކް މެނޭޖަރަކާއި ލީގަލް މެނޭޖަރެއް އަދި އިންޓާނަލް އޮޑިޓް މެނޭޖަރެކެވެ.
ޑީބީއެމުން ވަނީ ފްރަންޓް އޮފީސް އެގްޒެކެޓިވަކާއި މާކެޓިން އެގްޒެކެޓިވެއް ހޯދުމަށް ކުރި އިއުލާނުގެ އިތުރުން އެތެރޭގެ އޮޑިޓް މެނޭޖަރަކާއި ލީގަލް މެނޭޖަރަކާއި ކްރެޑިޓް އެންޑް ރިސްކް މެނޭޖަރަކާއި އެޗްއާރާއި އިދާރީ މެނޭޖަރަކާއި އައިޓީ މެނޭޖަރެއްގެ އިތުރުން ދެ ކޮމްޕަލަޔަންސް މެނޭޖަރަކާއި ތިން ފައިނޭންސް މެނޭޖަރަކު ހޯދަން އިއުލާނުކޮށްފަ އެވެ.
އެ އިއުލާނުގައިވާ ގޮތުން މެނޭޖަރު ފެންވަރުގެ މަގާމުތަކުގެ މުސާރަ އުޅެނީ 35،000 ރުފިޔާއާއި 45،000 ރުފިޔާ އާ ދެމެދެވެ. އަދި އެގްޒެކެޓިވް ފެންވަރުގެ މަގާމުތަކުގެ މުސާރަ އުޅެނީ 20،000 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދެވެ.
އެގްޒެކެޓިވް ފެންވަރުގެ މަގާމުތަކަށް އެންމެ ދަށްވެގެން ޑިޕްލޮމާ ނޫނީ އެޑްވާންސް ސެޓްފިކެޓު ފެންވަރުގެ ކޮލިފިކޭޝަނާއި ތިން އަހަރުގެ ތަޖުރިބާއެއް ބޭނުންވާއިރު، މެނޭޖަރުންގެ މަގާމުތަކަށް އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީއަކާ އެކު، ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ތަޖުރިބާއެއް ބޭނުންވާނެ ކަމަށްވެސް، ޓާމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވެ އެވެ.
ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް ގާއިމުކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ ބޭންކް އެސްޓީއޯގެ އެލައިޑް ބިލްޑިންގުގައި ހިންގާ ގޮތަށް އިފުތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16 ގަ އެވެ. އެ ތާރީޚުން ފެށިގެން ޑީބީއެމުން މަހު ކުލީގެ ގޮތުގައި އެސްޓީއޯއަށް 75،892 ރުފިޔާ ދައްކަން ޖެހެ އެވެ. ނަމަވެސް އަދިވެސް އެ ބޭންކުގެ ޚިދުމަތް ރަސްމީކޮށް ދޭން ފެށިފައެއް ނުވެ އެވެ.
އެހެން ނަމަވެސް ޑީބީއެމްގެ އަމަލީ މަސައްކަތް މިހާތަނަށް ނުފެށި އޮތް ނަމަވެސް އެ ބޭންކުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިދިޔަ އޮކްޓޯބަރު މަހު ވިދާޅުވެފައިވެ އެވެ.
މުނިފޫހި ފިލުވުން: ކުރިން ނޭނގޭ ޝައުގުވެރި ކަންތައްތަކެއް!
ޓީޓީ ޝިފާއުގެ މައްޗަށް 23 ދައުވާ ސާބިތުވެއްޖެ
ސިންގަޕޯ އެއާލައިންގެ ހިދުމަތް އާ ޓާމިނަލްގައި ފަށައިފި