ދިމާވާ ކޮންމެ މީހަކީ ވެސް ކޮންމެވެސް ވަރަކަށް، ނުވަތަ ވަރަށް ބޮޑަށް މޯބައިލް ފޯނާ ކުޅުމަށް ދެވި ހިފައިފައި ހުންނަ މީހެއް ކަމަށް އިހުސާސް ވޭހެއްޔެވެ؟ ތިރީގައި މިވަނީ އެފަދަ މީހުން އަތުން ފޯނު ދޫކޮށްލައި ސަމާލުކަން ދީގެން ވާހަކަދެއްކުވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

ރައްޓެއްސަކާއެކު ކޮފީއަށް ގޮސް ހުންނައިރު، ތިމާއަށް ސަމާލުކަން ދިނުމުގެ ބަދަލުގައި އަބަދު ޓިކްޓޮކް ވިޑިއޯ ބަލަން ހުންނަކަމުގެ އިހުސާސް ވޭހެއްޔެވެ؟ ނޫނީ ކާން ގެންނަ ކެއުމަށް ވުރެ ފޯނާ ކުޅުމަށް ޝައުގުވެރި ވާކަމުގެ އިހުސާސް ކުރެވޭ ހެއްޔެވެ؟ ގާތްތިމާގެ މީހުންނަށް ޒިޔާރަތް ކުރާއިރު އެމީހުން ވަށައިގެންވާ ކަންތައްތަކަށާއި ކުދިވެރިންނަށް ދޭ ސަމާލު ކަމަށްވުރެ ބޮޑަށް ފޯނުން ފޭސްބުކާއި އިންސްޓާގްރާމް ފަދަ އެޕްލިކޭޝަންތަކަށް ދޭ ސަމާލުކަން ބޮޑުކަމުގެ އިހުސާސް ކުރެވޭ ހެއްޔެވެ؟ އެފަދަ ވަގުތު ބައެއްގެ ތެރޭގައި ހުރެ ތިމާ ބާކީވާ ކަމުގެ އިހުސާސް ކުރެވޭހެއްޔެވެ؟ ޖަވާބަކީ އާނއެކެ ކަމަށްވަންޏާ ފުރަތަމަ ވިސްނާލަންވީ މިއީ މިހާރަކަށް އައިސް ދުނިޔެއަށް އާންމުން ވަމުން އަންނަ މައްސަލަ އެއްކަމެވެ.

އެމެރިކާގެ ބޭލާ ޔުނިވަސިޓީ އިން 2017 ވަނަ އަހަރު މިކަމާ ބެހޭ ދިރާސާ އެއް ކުރި އެވެ. އެ ދިރާސާގައި ބައިވެރިކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެޖިންސުގެ މީހުންނެވެ. ދިރާސާގައި ބައިވެރިވި މީހުންގެ ހަތްދިހަ ޕަސެންޓު މީހުން އެއްބަސްވި ގޮތުގައި ބައެއް ފަހަރު ނުވަތަ އާންމުކޮށް ނުވަތަ ވަރަށް އާންމުކޮށް، މޮބައިލް ފޯނުގެ ސަބަބުން އެމީހުން އެކަކު އަނެކަކާ ބާއްވަންޖެހޭ ގުޅުންތަކަށް ބުރޫ އަރަ އެވެ. ތިމާ އަޅާލާ މީހަކާ އެކު ވަގުތުކޮޅެއް ހޭދަކުރަމުން ދާއިރު އެމީހާޔަށް ފޯނާހެދި ތިމާޔަށް ސަމާލުކަން ނުދެވޭނަމަ ތިމާގެ އަގުހުރި ވަގުތު ބޭކާރު ކުރެވޭކަމުގެ ނުތަނަވަސްކަން އިހުސާސް ވާނެ އެވެ. އެހެންކަމުން ދެ މީހުންގެ މެދުގައި އޮންނަންވާ ގުޅުމަށް މިކަމުގެ ނެދެވޭ އަސަރު ނުކުރުމަށް ވުރެ ގާތީ ކުރުމެވެ.

ނަސީބަކުން މިބާވަތުގެ މައްސަލަތައް ހައްދުން ނައްޓައިގެން ދިޔަނުދީ ކޮންމެވެސް ވަރަކަށް ބެލެންސް ކޮށްލެވޭނެ ގޮތްތައް ތަޖުރިބާކާރުން ހޯދާފައިވެ އެވެ.

ޒާތީ ކަމެއްގެ ގޮތުގައި ނުދުށުން

"އަހަރެން އެހާފޫހީތަ؟-- ތި ފޯނުން އަތްދޫނުކުރެވޭނެ ކަން އެނގޭއިރު އަހަންނާއެކު މިރޭ ބޭރަށް އައުމުގެ ބޭނުމަކީ ކޮބާ؟''

މިފަދަ އިބާރަތަކުން މުޚާތަބު ކޮށްފިނަމަ މައްސަލަ ހައްލު ވުމުގެ ބަދަލުގައި އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑެވެ. ވިސްނަންވީ ކަމަކީ އެއީ އެކުވެރިޔާގެ ނުވަތަ ބައިވެރިޔާގެ ގައިގައި ހިފާފައި ހުރި ރަނގަޅު ކޮށްލަންޖެހޭ ގޯސް އާދައެއް ކަމެވެ. އެކަމަކާ ތިމާޔާ ސީދާ ގުޅުމެއް ނެތްކަމެވެ. އެހެންކަމުން އެކަން ޒާތީ ކަމެއްގެ ގޮތުގައި ބަލާކަށް ނުވާނެ އެވެ. އޭގެ ބަދަލުގައި މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ފުން ނޭވާއެއް ލައިފައި ވިސްނާލާށެވެ. "ހުރިހާކަމެއް ރަނގަޅުތަ؟--- އަބަދު ފޯނަށް ގެއްލިފަ ހުންނަ ކަމަށް އެބަ ފާހަގަ ކުރެވޭ" ފަދަ އިބާރަތެއް ބޭނުން ކޮށްލުމުން ބައިވެރިޔާއަށް އެކުރެވޭ ކަމުން އަނެކާ ބާކީ ކޮށްލެވޭ ކަމުގެ އިހުސާސް ކުރެވި ސަމާލުކަން ދިނުމުގެ ފުރުސަތު ބޮޑެވެ.

ހަޔާތުގެ ބައިވެރިޔާ އާ މިމައްސަލަ ދިމާ ވާނަމަ އެ ކަން އެހެންވަނީ ކީއްވެތޯ ރަނގަޅަށް ބަލަން ޖެހޭ

ފޯނުގެ މައްސަލަ ދިމާ ވަނީ ހަޔާތު ބައިވެރިޔާއާ ކަމުގައިވާނަމަ އެކަން އހެން ވަނީ ކީއްވެގެންތޯ ރަނގަޅަށް ދެނެގަންނަން ޖެހެ އެވެ.

އޭނާ ފޯނުން އަތް ދޫނުކޮށް އެ އުޅެނީ އޮފީހުގެ މެއިލް ޗެކްކުރަންތޯ، ނުވަތަ ދެމީހުންގެ ދެމެދުގައި ކަނޑައެޅިގެން ދުރުކަމެއް ބޭއްވުމުގެ ބޭނުމުގަތޯ، ނުވަތަ ބިޒީ ލައިފުން ސިކުނޑިއަށް ލުޔެއް ދިނުމަށް ވަގުތުކޮޅެއް ނަގަނީ ތޯ ވެސް ދަނެގަންނަން ޖެހޭނެއެވެ. އޭގެ ފަހުގައި ދެމީހުންގެ ދެމެދުގައި މިކަމަށް އިންތަކެއް ކަނޑަ އެޅުން މުހިންމެވެ.

ބައިވެރިޔާ އާއެކު އިންކަނޑައަޅާ އިރު އަމިއްލަ ނަފުސަށް ނިސްބަތްވާގޮތަށް އިބާރާތްތައް ބޭނުން ކުރޭ

މިސާލަކަށް ދެމީހުން ކަނޑައަޅާ އިންތަކުގެ ތެރޭގައި ކާގަޑީގައި ފޯނު ނުގެންގުޅުން ފަދަ ކަމެއް ހިމެނިދާނެ އެވެ. މިގޮތަށް ކަނޑައަޅާ އިމުން ބައިވެރިޔާ ބޭރު ވެއްޖެ ކަމުގައި ވާނަމަ "އަހަންނަށް ވަރަށް ބާކީ ވެފައި ހުންނަ ކަމުގެ އިހުސާސް އެބަކުރެވޭ.-- ހަނދާންވޭ ދޯ ދެމީހުން ވަހަކަ ދައްކާ މިކަމަށް ގޮތެއް ކަނޑައެޅިކަން" ފަދަ އިބާރަތެއް ބޭނުން ކުރެވިދާނެ އެވެ.

މިގޮތަށް ތިމާގެ ނަފުސަށް ނިސްބަތްވާ ޖުމްލަ ބޭނުންކުރުމުން ބައިވެރިޔާގެ ބޮލުގައި އިލްޒާމެއް އެޅުވުމުގެ ބަދަލުގައި އޭނާގެ ކިބައިން ބުރައެއް ލުއިކޮށް ދިންކަމުގެ އިހުސާސް ކުރެވޭނެ އެވެ. މީގެ ބަދަލުގައި "އެބަ އެނގޭތަ ފޯނުގަކަން އަބަދު ތިހުރެވެނީ" ފަދަ އިބާރަތެއް ބޭނުން ކޮށްފިނަމަ ވަގުތުން ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ބޮޑުވާނެ އެވެ.

ރައްޓެހިންނާ އެކުވެސް ފޯނު ގެންގުޅުމުގެ އިންތަކެއް ކަނޑައެޅިދާނެ

ގާތް ރައްޓެހިންނާ އެކު ވަގުތު ހޭދަ ކުރާއިރު ވެސް ފޯނުން އަތް ދޫނުވުމުގެ މައްސަލަ ފާހަގަ ވާނަމަ އެމީހުނާ އެކުވެސް އިންތަކަކަށް އެއްބަސް ވެވިދާނެ އެވެ. މިސާލަކަށް ކެއުމަކަށް ގޮސް ތިބޭއިރު ފޯނުގައި އަތްނުލުން ފަދަ ކަމެކެވެ. ނުވަތަ ފޯނު ޗެކް ކުރަން ވަކި ވަގުތެއް ކަނޑައެޅުން ފަދަކަމެކެވެ. އެފަދަ ދަނޑިވަޅެއްގައި " އޯޑަރ އައުމުން ހިނގާ އެންމެންވެސް ފޯނު އެއްފަރާތުގައި ބާއްވަމާ" ފަދަ އިބާރާތެއް ބޭނުން ކުރެވިދާނެއެވެ.

ކެތްތެރިކަން އިސްކުރަން ޖެހޭ

ބައެއް މީހުން އެއްވެސް ސަބަބަކާ ނުލައި ފޯނާ ކުޅެލަ ކުޅެލާ ތިބޭތަން ފެންނާނެ އެވެ. ސޯޝަލް މީޑިއާއަކީ އެކަހަލަ އެއްޗެކެވެ. އޭގެ ބާރު ވަރަށް ގަދަ އެވެ. އެހެންކަމުން ނޭނގި ނަމަވެސް ގިނަބަޔަކަށް ފޯނުން އަތް ނުނެއްޓިގެން އުޅެނީ އެކަމަށް ކޮންމެ ވެސް ސިފައެއްގައި ދެވި ހިފާފައި ވާތީ ކަމުގައި ވިސްނަން ޖެހެ އެވެ. އެހެންކަމުން އެފަދަ މީހުން ފޯނާ ދުރުކުރުމަށް ޓަކައި އަޅާ ކޮންމެ ފިޔަވަޅެއްވެސް އަޅަންވާނީ ކެތްތެރިކާމާއި ވިސްނުންތެރިކަމާ އެކު އެވެ. އެގޮތަށް އަޅާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނާނެ އެވެ. ހަޔާތުގެ ބައިވެރިޔާ ނުވަތަ ގާތް އެކުވެރިންނާއެކު ފޯނާ ނުލައި ބިނާ ކުރަނިވި ވަގުތު ހޭދަ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެފަދަ ވަގުތުތަކުން ހިތަށް ލިބޭ ހަމަޖެހުން ބޮޑުވާނެ އެވެ.