ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެވެ. އެމަހެއްގައި ކުރެވޭ އަޅުކަމުގެ ސަވާބު ދެގުނަވާ މާތް މައްސެރެވެ. ގުރުއާން ކިޔެވުމާއި ޒިކުރު ކުރުން ގިނަ ކުރަންވީ މައްސަރެވެ. އާއިލާގެ ކުދިބޮޑު އެންމެން އަޅުކަމުގައި މަސްއޫލުވުމަށް ބާރު އަޅަންވީ މައްސަރެވެ.
ރަމަޟާން މަސް ޙާއްސަވާ ކަންތައްތަކުގެ ތެރޭގައި އެމަހަށް ހާއްސަ ތަރާވީހު ނަމާދު ހިމެނެ އެވެ. 20 ރަކުއަތަށް ދެމިގެންދާ މި މަތިވެރި ނަމާދު 8 ރަކުއަތަށް ވެސް މަދުކުރެވިދާނެ އެވެ. ބޮޑެތި ޖަމާއަތްތަކުގައި އާއްމުކޮށް ކުރެވޭ ތަރާވީހު ގޭގައި ކުރެވޭނެ ފަދަ ލުއިތައް ވެސް އަހަރުމެންނަށް ލިބިގެންވެ އެވެ.
ކަންމިހެން އޮތްއިރު މި އަޅުކަމަށް ގޭގައި އުޅޭ ކުޑަކުދިން އަހުލުވެރި ކުރުވުން ކިހިނެއް ވާނެ ހެއްޔެވެ؟ މިފަދަ ލުއިފަސޭހަތަކެއް ހުރިއިރު ތަރާވީހު ކުރުމަށް އެކުދިންނަށް ބާރުއެޅުން ކިހިނެއް ވާނެ ހެއްޔެވެ؟ ފިރިހެނުން މިސްކިތަށް ދާއިރު އެކުދިން ގެންދިއުމަކީ ކިހާ މަތިވެރި ކަމަކަށް ވާނެ ހެއްޔެވެ؟ ގޭގައި އެނަމާދު ކުރެވޭނަމަ އެ ކުދިން ބައިވެރި ކުރުމަކީ ކޮންފަދަ މާތް ކަމަކަށް ވާނެ ހެއްޔެވެ؟
ގައިމު ވެސް އަހަރުމެންގެ ޅަޖީލު ދީނަށް ލޯ ހުޅުވޭނެ އެވެ. އެ މައުސޫމް ހިތްތަކުގައި މާތްވެގެންވާ އިސްލާމް ދީނަށްޓަކައި ލޯބި ޖެހޭނެ އެވެ. ޒަމާނުއްސުރެ އަހަރުމެންގެ ތެރޭގައި އޮތް ރަމަޟާން މަހުގެ އާދަކާދަ އާއި ސަގާފަތް ދިރުވުމަށް އެ ކުދިންގެ ހިތްޖެހޭނެ އެވެ. އާއެކެވެ. ރަމަޟާން މަހުގެ ރޫޙު ދިރުވާ އާލާ ކުރެވޭނެ އެވެ.
އަދިވެސް ލަހެއް ނުވެ އެވެ. ތިބާގެ ގޭގައި ކުޑަ ކުދިން އުޅޭނަމަ އެކުދިން ތަރާވީޙަށް މިސްކިތަށް ގެންދަން އާދަކުރާށެވެ. އަހަރުމެންގެ ދީނާއި ސަގާފަތަށް ހޭލުންތެރި ކުރުވާށެވެ. ގައުމުގެ މުސްތަގުބަލަކީ އެއީ ކަމަށް ވީ ހިނދު އެ މުސްތަގުބަލުގެ ބިންގާ އިސްލާމް ދީނުގެ ރިވެތި އާދަތަކުގެ މަތީގައި އަޅާށެވެ.
ވަރަށް އުފާވި ލިއުމެއް