ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ އިން އެ ކުންފުނިތަކުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް އުނިކުރެވޭނެ އުސޫލެއް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިފަދަ ބަދަލެއް ގެނެސްދިނުމަށް ވިޔަފާރިވެރިންގެ ފަރާތުން އެދުމުންނެވެ.
ޓެކްސް ނުދައްކައިގެން މީރާ އިން ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި އެފަދަ ކުންފުންޏަކަށް ސަރުކާރުން ދޭންޖެހޭ ފައިސާއެއް ވާނަމަ، އެ ފައިސާ އިން ޓެކްސް ދެއްކޭނެ ގޮތް ހަމަޖައްސަން ބައެއް ވިޔަފާރިވެރިން ރޭ އެދުނެވެ.
ވިޔަފާރިވެރިންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެއީ މިހާރު ވެސް ކޮންމެވެސް ވަރަކަށް އަމަލުކުރާ އުސޫލެއް ކަމަށެވެ.
"އެހެން ނަމަވެސް އެއަށް ވުރެ ފުޅާކޮށް، ތަންކޮޅެއް ކޮމްޕްރިހެންސިވް ގޮތަކަށް، ވީހާ ވެސް ގިނަ ބަޔަަކަށް އެ އުސޫލެއްގެ ތެރެއިން އެކަން އެޕްލައިވާނެ ގޮތަކަށް، ތިޔަ ބޭފުޅުން ދައްކަން އޮތް އެއްޗެއް ސަރުކާރުން ދައްކަން އޮތް އެއްޗަކާ އަޅާކެނޑޭނެ ގޮތެއް، ދެން އޭގައި ގާނޫނީ ގޮތުން ބަލަން އެއްވެސް ކަމެއް އޮތްތޯ ބެލުމާ އެކީގައި، މީރާ އާއި ފިނޭންސާ އެކީގައި އިށީނދެގެން އަޅުގަނޑުމެން ބަލައިދޭނަން، އެއަށް ވެސް އެންމެ ރަނގަޅު ހައްލެއް ގެނެސްދޭން،" ރައީސް ވިދާޅުވި އެވެ.
ވިޔަފަރިވެރިން އެދުނުގޮތަށް އެފަދަ އުސޫލެއް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ނުދީވާ ފައިސާގެ ތެރެއިން ބޮޑުބައެއް މި މަސް ނިމުމުގެ ކުރިން ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަދި ހަމަ އެއާ އެކީގައި ބާކީ އެމައުންޓް ވެސް، ރޯދަމަހާ ހަމައަށް ދާންވާއިރަށް ހަމަ ކްލިއާކޮށްލެވޭތޯ މި ބަލަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ތެރެއަށް ބިދޭސީން ވަނުމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ހުރި ދަތިތައް ރައީސްގެ ސަމާލުކަމަށް ވިޔަފާރިވެރިން ރޭ ގެނަ އެވެ. އަދި ޑޮލަރު ލިބުމުގައި ދަތިވާ ކަމަށް ވެސް ވިޔަފާރިވެރިން ފާހަގަކުރި އެވެ.
އެމްޑީޕީގެ ކައުންސިލް ޕްރައިމަރީ ޖެނުއަރީ 30 ގައި ބާއްވާނީ
ޝަމްއާން ބަންދުން ދޫކުރެވެން ނެތްކަމަށް ނިންމައިފި
ރާއްޖެ އިޝްތިހާރުކުރަން ޔޫނިއަންޕޭއާއެކު ވެސް އެއްބަސްވުމެއް
