މި ސަރުކާރުން ޑްރަގް ވިޔަފާރިއާ ދެކޮޅަށް ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ތެރެއިން މިހާތަނަށް 190 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 34 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ބޭއްވި ނިއުސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ފާތިހު ވިދާޅުވީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން މިދިޔަ މަހުގެ 13 ވަނަ ދުވަހު ފެށި އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށެވެ.

އޮޕަރޭޝަން އަލިމަގުގެ ތެރެއިން އިތުރު ޑްރަގް އޮޕަރޭޝަނެއް އިއްޔެ ފެށިއިރު، އޭގެ ތެރެއިން ހަތް ތަނެއް ފާސްކޮށް ނުވަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ހަ ފިރިހެނުންނާއި ތިން އަންހެނުންނެވެ. އެ ތަންތަނުން ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފާތިހު ވިދާޅުވީ އެ އޮޕަރޭޝަނުން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް 193 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 71 މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށާއި އަދި 34 މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭރު ހައްޔަރުކުރި މީހުންގެ ތެރެއިން ގިނަ މީހުން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ ދައުވާކުރަން ފޮނުވި މީހުންގެ ތެރޭގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޑްރަގުގެ ވިޔަފާރިކުރާ މީހުން ހިމެނޭ ކަމަށެވެ.

ޑްރަގާ ދެކޮޅަށް ރަށްރަށުގައި ހިންގި އޮޕަރޭޝަންތައް ވެސް މި އަހަރު ވަނީ ފުޅާކޮށްފަ އެވެ.

ފުލުހުން ބުނީ ހަތް އަތޮޅެއްގައި ހިންގި 32 އޮޕަރޭޝަނަކުން 61 މީހުން ހައްޔަރުކުރި ކަމަށެވެ. އަދި އެ ތަންތަނުން 12 ކިލޯގެ މަސްތުވާތަކެތި އަދި 5،000 އެއްހާ ބަނގުރާ ފުޅި ހޯދާފައިވެ އެވެ.

އެ މައުލޫމާތުތައް ދައްކާ ގޮތުން، އެންމެ ގިނައިން ޑްރަގްސް އަތުލައިގަތީ ގއ. އަތޮޅާއި ގދ. އަތޮޅުންނެވެ. މިދިޔަ އޮކްޓޯބަރު މަހު ހިންގި އެ އޮޕަރޭޝަނުން 12 ކިލޯގެ ޑްރަގްސް ހޯދައި 13 މީހުން ހައްޔަރުކުރި އެވެ. އަދި ބަނގުރާ އެންމެ ގިނައިން ހޯދާފައިވަނީ ކ. މާފުށިންނެވެ. އެ ރަށުން މިއަހަރުގެ ތެރޭގައި 4،817 ބަނގުރާ ފުޅި ހޯދައި 20 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.