ރަހީނުކޮށް މަރާލައި، ލަގެޖް ފޮއްޓަކަށް ލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާ މަރާލިކަން ސާބިތުވެ، 17 އަހަރުގެ ކުއްޖާ 13 އަހަރަށް ކަރެކްޝަނަލް ފެސިލިޓީއަކަށް ލާން ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅުތެރޭ މޫދުގައި އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑު ފެނުނީ ޖޫން 22، 2021ގެ ދަންވަރު 02:00 ހާއިރެވެ.
އެ މައްސަލައިގައި 17 އަހަރުގެ ކުއްޖާގެ އިތުރުން ދައުވާކޮށްފައި ވަނީ ނ. ލަންދޫ، ބަގީޗާގެ، އިބްރާހިމް ޒިހާންގެ މައްޗަށެވެ.
އެ މައްސަލައިގައި ކުޑަކުއްޖާގެ މައްޗަށް ގަސްދުގައި މީހަކު މެރުމާއި، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ ކުރި އެވެ.
ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 16 އަހަރާއި 10 މަހާއި ހަތް ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދުކުރުމަށް ވަނީ ހުކުމް ކޮށްފަ އެވެ. ނަމަވެސް، ހުކުމްކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި ހަތަރު އަހަރާއި ހަ މަހާއި ދެ ދުވަސް އުނިކުރުމުން ތަންފީޒުކުރަންޖެހޭ މުއްދަތަކީ 12 އަހަރާއި ހަތަރު މަހާއި ފަސް ދުވަސް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
މީގެ އިތުރުން، ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ހުކުމުގައިވެއެވެ.
ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުން 11 މަހާއި ނުވަ ދުވަހަށް އެ ކުއްޖާ ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ. އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 18 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.
މިހާރު އެ ކުއްޖާގެ އުމުރުން 21 އަހަރު ވަނީ ވެފަ އެވެ.
އެ މައްސަލައިގައި ދެން ދައުވާކޮށްފައިވާ ޒިހާނު މައްސަލަ ކްރިމިނަލް ކޯޓުން އަދި ނުނިންމަ އެވެ.
މީޑިއާތަކަށް ފައިސާ ދޭ އުސޫލު ބަދަލުކޮށް އާންމުކޮށްފި
ނަޝީދާއި ސޯލިހު ބައްދަލުކުރައްވައިފި
ފައިނަލް ބަލައިލަން ދިޔުމުގެ ފުރުސަތު ދިފްރާނަށް
