ބައެއްމީހުންނަކީ ހެނދުނުގެ ތަހުނިޔާ ކިއުމަށް އާދަވެފައި ތިބޭ ބައެއް. އެމީހުން އެކަން ކުރަނީ ނޭނގިނަމަ ވެސް ހިތްހަމަ ޖެހުމެއް އިހްސާސް ކުރެވޭތީ. ހެނދުނުގެ ތަހުނިޔާ އެކަކު އަނެކަކަށް ފޮނުވުމަކީ މުހިންމު ކަމެއްކަން ދިރާސާއިން ދައްކާ. ކޮންމެ ބަހަކުން ތަހުނިޔާ ކީނަމަވެސް ނަފްސާނީ ގޮތުން ދުޅަހެޔޮ ކޮށްދޭ. މޫޑް ރަނގަޅު ކޮށްދޭ ހީމޯން ހަށިގަނޑުން އުފައްދައިދޭ. ދެފަރާތުގެ ދޭތެރޭ ގުޅުން ބަދަހިވެ އެކަނިވެރިކަން ފިލާ. އަދި މެސެޖުފޮނުވި މީހާ ކޮންމެ ވަގުތެއްގައި ހެޔޮހާލުގައި ހުރިކަމާއި، ކޮންމެ ވަގުތެއްގައި ވެސް ގުޅާލެވޭނެ ކަމަށް ބުނެދޭ.

ހެނދުނު ފަތިހާ "ސްބާހުލް ޚައިރު" "ބައްޖަވެރި ހެދުނެއް" ނުވަތަ "ގުޑްމޯނިންގް" ކިއުމަކީ ދިވެހީންގެ ތެރޭގައި މިހާރު އާންމުވަމުން އަންނަ ކަމެކެވެ. އެންމެ ހެނދުނުގެ މިތަހުނިޔާ ކިޔާ މީހާ އެކަން ކުރަނީ އަނެކާއާ ކޮންމެ ވެސް ގޮތަކަށް ގުޅުން ބޭއްވުމުގެ ނިޔަތުގަ އެވެ.

ހެދުނުގެ ތަހުނިޔާ ކިޔުމުން ހަށިގަނޑަށް ގިނަފައިދާތަކެއް ލިބޭކަން ފަހުގެ ހޯދުންތަކުން ދައްކަ އެވެ. އޭގެ ތެރޭގައި ދޭދޭ ގުޅުން ބަދަހި ވުމާއި، އުފާވެރިކަމާއި ހިތްހަމަޖެހުން އުފައްދާ ހޯމޯން ހަށިގަނޑުން އުފައްދަން ފެށުމާއި އޭގެސަބަބުން ސްޓްރެސް ދަށްކޮށް އެދެމެދުގަ ވާހަކަ ދެކެވުމަށް މަގުފަހިވެ އެވެ. ހެދުނުގެ ތަހުނިޔާ ނުދަންނަ މީހަކަށް ފޮނުވުމުން ވެސް ކުރިން ބުނެވިދިޔަ ބަދަލުތަކެއް އާދެ އެވެ.

ބާއްޖަވެރި ހެދުނެއް ބުނެ، މެސެޖް ފޮނުވުމަކީ ދޭދޭ ގުޅުން ރަނގަޅު ކޮށްދޭ ކަމެއް ކަމަށް ދިރާސާއިން ދައްކާ

ސައިކޮލޮޖިސްޓުން ބުނާގޮތުގައި ބާއްޖަވެރި ހެނދުނުގެ ތަހުނިޔާއިން ދުވަސް ފެށުމަކީ އެކަނިވެރި ކަމުން ދުރުކޮށްދޭ ކަމެކެވެ. އޭގެ ސަބަބުން މީހުންނާ ދިމާވެ ވާހަކަ ދެވޭ ކަމުގެ އިހްސާސެއް ކުރުވަ އެވެ. މެސެޖް ފޮނުވާ މީހާއަށާއި މެސެޖު ލިބޭމީހާގެ މޫޑް ރަނގަޅު ކޮށްދެ އެވެ. ދެފަރާތަށް ވެސް އުފާވެރި އިހްސާސެއް ވެރިކުރުވަ އެވެ. އޭގެ ސަބަބުން ކަންކަމަށް ދެވޭ ސަމާލުކަން އިތުރު ކޮށްދެ އެވެ.

"ގުޑްމޯނިންގް" މެސެޖުން ލިބޭ އަނެއް ފައިދާއަކީ މެސެޖް ފޮނުވި ފަރާތް ހެޔޮހާލުގައި ވާކަން އަންގަ ދިނުމެވެ. އަދި ކޮންމެ ވަގުތަކު ވެސް އެފަރާތަށް ގުޅާލެވޭނެކަން އަންގައި ދިނުމެވެ. މިކަމަކީ ދެފަރާތުގެ ދެމެދުގައި އިތުބާރު އުފެދޭ ކަމެކެވެ.

ހާސްވުމާއި ފިކުރު ބޮޑުވުމެއްގެ ތެރޭގައި ވާ ފަރާތެއް ނަމަ އޭނާއަށް ލިބޭ ގުޑްމޯނިންގް މެސެޖުން، އޭނާގެ ހާސްވެފައިވާ ސިކުނޑިއަށް ލުއިކަމެއް ލިބެ އެވެ. ވާހަކަ ދައްކާ ކަންކަން ހިއްސާ ކޮށްލެވޭ ފަދަ މީހަކު ވެސް އެބަހުރިކަމުގެ ޔަގީންކަން ލިބެ އެވެ.

ހެނދުނު ހެނދުނާ ފޮނުވާ ބާއްޖަވެރި ހެދުނެއްގެ މެސެޖުން އަންގަދެނީ އެމީހަކާ މެދު ވިސްނާ އަދި ހަނދާންކުރާ މީހަކު ހުރިކަމެވެ. މިކަމުން ނަފްސާނީ ދުޅަހެޔޮކަން އިތުރު ކޮށްދެއެވެ. އަދި ހިތްހަމަޖެހުން ގެނެސްދެ އެވެ.