ފައިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރި ސާމްޕަލްތަކުން އިތުރު 218 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 76 މީހަކު ޕޮޒިޓިވްވިއިރު، 135 މީހަކު ވަނީ އަތޮޅު ތެރެއިން ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓްތަކުން ހަ މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށަކުން އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 218 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 27،621 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 3،307 ގައި މިހާރު ހުރިއިރު 234116 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 101 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 71 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑް ކޭސްތައް ފެނި މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކަކީ އއ. ބޮޑުފޮޅުދޫ، އއ. މަތިވެރި، އދ. މަހިބަދޫ، އދ. މާމިގިލި، ބ. އޭދަފުށި، ހދ. ހަނިމާދޫ، ކ. ހިންމަފުށި، ކ. މާފުށި، ކ. ތުލުސްދޫ، ކ. ގުޅި، ޅ. ނައިފަރު، ޅ. ފެލިވަރު، ށ. ޅައިމަގު، ތ. ކިނބިދޫ، ތ. ތިމަރަފުށި، ތ. ވޭމަންޑޫ، ތ. އޮމަދޫ، ތ. ގާދިއްފުށީގެ އިތުރުން ލ. މާންދޫ، ލ. ގަން އަދި ލ. ފޮނަދޫ އެވެ.