ސީޕްލޭންގައި ފުރޮޅު ހަރުކޮށްގެން ކުދި ކުދި ރަށްރަށަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދެވިދާނެ ކަމަށާއި އެއީ ބޮޑު އެއާޕޯޓެއްގެ ބަދަލުގައި ކުޑަ އެއާ ސްޓްރިޕަކުން ހަމަޖެހޭނެ ކަމެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމުން ކުދި ރަށްރަށުގެ ގިނަ ބަޔަކަށް އުންމީދުތަކެއް އާވެދާނެ އެވެ.
މާކަނޑުގެ އަޑީގައި އަޅާ ބިއްލޫރި ޓަނަލަކުން ކަނޑު އަޑީގެ ރީތިކަން ފެންނަ ގޮތަށް ދަތުރު ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި، ވިދާޅުވުމާ މިފަހަރުގެ ވާހަކަފުޅާ ހިސާބެއްގެ ތަފާތެއް ހުރި ކަމަށް ވިޔަސް ދެކަމަކީ ވެސް ރައްޔިތުންގެ ހިތްތަކާ ކުޅެލި ދެ ވާހަކަ އެވެ. ސުވާލަކީ ސީ ޕްލޭނުގައި ފުރޮޅު ހަރުކޮށްގެން ދަތުރު ކުރުމަކީ ހަގީގަތަކަށް ހެދޭ ފަދަ ވާހަކައެއް ހެއްޔެވެ؟ ބަލާލަން ޖެހެނީ ޓެކްނިކަލް ކަންތަކަށެވެ. އިގުތިސާދީ ގޮތުން ކަން އޮތް ގޮތެވެ.
ސީ ޕްލޭންގައި ފުރޮޅު ހަރު ކުރެވިދާނެތަ؟
ސީ ޕްލޭންގައި ފުރޮޅު ހަރުކޮށްގެން ދުއްވޭނެ އެވެ. އެކަމަކު އެއީ ހީކުރާހާ ފަސޭހަ ކަމެއް ނޫނެވެ. ދުނިޔޭގައި ބޭނުން ކުރާ ސީޕްލޭންގެ ދެ ވައްތަރެއް ހުރެ އެވެ. އާންމު ބާވަތަކީ ރާއްޖޭގައި ދުއްވާ މޫދާއި ކުޅި ފަދަ ތަންތާގައި ޖައްސަން ކަނދު ހަރުކޮށްފައި ހުންނަ ބޯޓެވެ. އެފަދަ ބޯޓު ޖައްސާނީ ހަމައެކަނި ފެނުގަ އެވެ. ދެން ހުންނަނީ އެއްގަމުގައި ވެސް ޖެއްސޭ ގޮތަށް ކަނދާއި ފުރޮޅު ހަރު ކުރި ބޯޓެވެ. މި ބާވަތުގެ ބޯޓަކީ މަދު އެއްޗެކެވެ. ބޭނުން ކުރަނީ އިމަޖެންސީ ބޭނުންތަކަށެވެ.
މިސާލަކަށް އަލިފާނުގެ ހާދިސާތަގެ ސަލާމަތީ ބޭނުމަށާއި އެ ނޫން ވެސް އެފަދަ އިމަޖެންސީ ހާލަތްތަކުގަ އެވެ. ކެނެޑާއާއި އެމެރިކާ އާއި ޖަޕާނުގައި މިފަދަ ބޯޓުތައް މަދު މަދުން ބޭނުން ކުރެ އެވެ. ނަމަވެސް ކޮމާޝަލް ދަތުރުތަކަކަށް ނޫނެވެ. ސަބަބަކީ އެފަދަ ބޯޓުތަކުގެ އަގު ބޮޑުވެފައި ބަރުދަން އިތުރުވުމުން އުފުލޭ ޕަސިންޖަރުންގެ އަދަދު މަދުވުމާއި މަރާމާތާއި ބެލެހެއްޓުމުގެ ޚަރަދު ބޮޑުވުމާއި ތެލުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން ކޮމާޝަލް ދަތުރުތަކަށް ބޭނުން ކުރުމަށް ކަމުނުދަނީ އެވެ.
މިހާރު ބޭނުން ކުރާ ސީޕްލޭންގައި ހުންނަ ކަނދު ނައްޓާލައި ފުރޮޅު ހަރުކުރުމަކީ ރައީސްގެ ވާހަކަފުޅުން އާންމުކޮށް ދޭހަވި ގޮތް ކަމަށް ފެނެ އެވެ. އެހެން ނަމަވެސް އެއީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ތަނަކުން ފުރޮޅެއް ގަނެގެން އައިސް ގާޑިޔަލެއްގައި ހަރުކޮށްލާ ފަދައިން އެކަން ނުވާނެ އެވެ. ކަނދުފަތީގެ ބަދަލުގައި ފޮރޮޅު ހަރުކުރުމުގެ މާނައަކީ މުޅި އިންޖީނުގެ ސިސްޓަމް ބަދަލުކުރުމެވެ. އެކަން ކުރެވޭނީ މަތިންދާ ބޯޓު އުފައްދާ ފެކްޓްރީގަ އެވެ. އެކަމަށްޓަކައި އިންޖީނުގެ މުޅި ސިސްޓަމް ބަދަލުކުރަން ޖެހޭނެ އެވެ. އެ ގެންނަ ބަދަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ގެނެވުނު ބަދަލަކަށް ވާން ޖެހޭނެ އެވެ. އެކަމުގެ ސެޓްފިކެޓް ވެސް ލިބެން ޖެހޭނެ އެވެ. އެއީ ޚަރަދު ބޮޑު މަސައްކަތެކެވެ.
ފުރޮޅު ލައްވައިގެން ދަތުރު ކުރުމަކީ ހައްލެއްތަ؟
އަގު ބޮޑު މޮޑިފިކޭޝަނަކަށް ފަހު ވެސް ފުރޮޅުލީ އެއާ ކްރާފްޓަށް ވެސް އެއާޕޯޓެއް ބޭނުން ވާނެ އެވެ. ސައިޒުން ބޮޑު ނޫނަސް ސޭފްޓީ ޒޯނަކާ ސަލާމަތީ ސާމާނުތަކާ ހުންނަން ޖެހޭނެ އެވެ. ޓޭކް އޮފް ކުރުމަށާއި ޖެއްސުމަށް ބޭނުންވާ ޖާގަ ވެސް އޮންނަން ޖެހޭނެ އެވެ. އެ ހުރިހާ ކަމަކާއި ބޮޑު ޚަރަދުތަކަކާ އެކު ވެސް އާދައިގެ ސީޕްލޭނަކަށް ވުރެ ސަލާމަތީ މައްސަލަ ތައް ބޮޑުވެ މެއިންޓެނެންސް ޚަރަދު ބޮޑުވެ އުފުލޭ ޕަސިންޖަރުންގެ އަދަދު މަދުވުމުން ޚަރަދު ދެކޮޅު ނުޖެހޭ ބޭކާރު ކަމަކަށް ވާނެ އެވެ.
ރާއްޖެއަކީ ބިމަށް ވުރެ ކަނޑު ބޮޑު ގައުމަކަށް ވާއިރު މިހާރު ވެސް ކާމިޔާބު ކަމާއެކު ކުރަމުން ދާ ސީ ޕްލޭން ދަތުރުތައް ކަނަޑަށް ޖައްސާ ގޮތަށް ރާއްޖޭގެ ރަށްތަކަށް އުދުހުމަކީ ހުރިހާ ގޮތަކުން ބަލާއިރު ވެސް އެންމެ ރައްކާތެރި، އިގުތިސާދީ ގޮތުން ދެކޮޅު ޖެހޭ ގޮތް ކަމަށް ވާނެ އެވެ. އެފަދަ ފަސޭހަ ގޮތެއް އޮއްވާ ދުނިޔޭގެ އެއްވެސް ބަޔަކު ނުކުރާ މުޅިން އާ ކަމެއް ކުރުމަކީ ރާއްޖެއަށް ކުރެވޭ ވަރުގެ ކަމަކަށް ނުވާނެ އެވެ. އަމުދުން ގެއްލުމުގައި ހިންގަމުން ގެންދާ އެއާ މޯލްޑިވްސް، އެފަދަ ކަމަކަށް ކުރިމަތިލައިފި ނަމަ ބަނގުރޫޓުވާނެ ކަމީ ޔަގީން ކަމެކެވެ. އެހެން ކަމުން ރައީސްގެ ސީޕްލޭން ފުރޮޅުގެ ވާހަކައަކީ ކެމްޕޭނަށް ދެއްކެވި ސިޔާސީ ވާހަކައެއް ކަމަށް ބަލަން ޖެހެ އެވެ.
ބީއެމްއެލް އިން ސްވައިޕްގެ ބީޓާ ޓެސްޓިން ފަށައިފި
ހިރިމަރަދޫ އަކީ މީހުން ދިރިނޫޅޭ ރަށެއް ކަމަށް ކަނޑައަޅައިފި
އާ ޓާމިނަލަށް ހުރިހާ އެއާލައިނެއް ބަދަލުކޮށްފި