މިއަދުން ފެށިގެން ސިޔާސީ ޕާޓީގެ ދަފުތަރުގައި އަމިއްލައަށް ޖެއްސި، ވަގުތުން ވަކި ވެވޭނެ ގޮތަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ޕޯޓަލެއް ތައާރަފުކޮށްފި އެވެ.
މީހުނަށް ނޭނގި ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ޖައްސާ މައްސަލަ ބޮޑުވެ، އެކަމަށް ހައްލުކުރުމަށް އީސީން ވަނީ އެމީހަކު އަމިއްލަ އަށް ޕާޓީއަށް ވަދެ، ވަކި ވެވޭނެ ގޮތަށް ފަސޭހަ ޕޯޓަލެއް ތައާރަފުކޮށްފަ އެވެ.
އީސީގެ މައި ޕޯޓަލް މެދުވެރިކޮށް ޕާޓީއަކަށް ވަންނަން ހުށަހެޅުމުން، އެ ސިޔާސީ ޕާޓީއެއްގެ އަމިއްލަ ދަފްތަރުގައި ހިމެނުމަށް 30 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އީސީން ބުންޏެވެ. އެ މުއްދަތުގައި ޕާޓީން ޕްރޮސެސް ނުކުރި ނަމަވެސް އެ މީހަކު އެ ޕާޓީގައި ރަޖިސްޓަރީ ވާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ޕާޓީގެ ދަފުތަރުން ވަކިވާން ހުށަހެޅުމުން ވަގުތުން މިހާރު ވަކިވާނެ ކަމަށް އީސީން ބުންޏެވެ. ސިޔާސީ ޕާޓީއެއްގެ އިސް މަގާމުތަކުގައި ތިބޭ މެންބަރުން ޕާޓީން ވަކިވާނަމަ ނުވަތަ އެހެން ޕާޓީއަކަށް ރަޖިސްޓަރީކުރާނަމަ، އެ އިސް މަގާމުން ވެސް ވަކިވުމަށް ހުށަހަޅަން ޖެހޭ ގޮތަށް އީސީން ވަނީ ހަމަޖައްސާފަ އެވެ.
ސިޔާސީ ޕާޓީއަކުން މެންބަރަކު ޕާޓީގެ ދަފްތަރުން އުނިކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލްގެ ލޮގިން މެދުވެރިކޮށް ޕާޓީން ވަކިކުރުމަށް ރިކުއެސްޓުކުރުމުން ޕާޓީން ވަކިވާނެ ކަމަށް ވެސް ބުންޏެވެ.
މީހުނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ އެންމެ ބޮޑަށް ފެންމަތިވީ މިދިޔަ އަހަރު ވެރިކަން ކުރާ ޕީއެންސީއަށް އެއްލައްކަ މީހުން ހަމަކުރުމުގެ ނަމުގައި ގިނަ ބަޔަކަށް ނޭނގި އެޕާޓީގެ ދަފުތަރުގައި ޖެއްސުމާއި ގުޅިގެންނެވެ. އެފަހަރު ޕީއެންސީން ވަނީ އެމްޑީޕީގެ މަޖިލިސް މެންބަރަކުވެސް އެ ޕާޓީގެ ދަފުތަރުގައި ޖައްސާފަ އެވެ. އެކަމާއި ގުޅިގެން ޝަކުވާތައް އިތުރުވުމުން، އެކަން ހައްލުކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އީސީން އޭރު ބުންޏެވެ.
ނިމާލަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި ފަރުވާދެނީ
އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުން މައުމޫން ފައުޑޭޝަނަށް
ތެލަސީމިއާ ބަލި މީހުންގެ އިނާޔަތަށް އެދެން ހުޅުވާލައިފި