ޖިންސީ ގޯނާ އާއި ރޭޕް ކުރުމާ ދެކޮޅަށް އުސްފަސްގަނޑުގައި މިރޭ މުޒާހަރާ ކޮށްފި އެވެ.

އާންމުންގެ ބަޔަކު އެއްވެ ކުރި މުޒާހަރާގައި އެފަދަ މައްސަލަތަކުގައި ފިޔަވަޅު ނޭޅޭތީ ކަންބޮޑުވުން ފާޅުކުރި އެވެ.

ރޭޕްކުރާ މީހުން ހިމާޔަތް ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެފަދަ ކަންކަން ހުއްޓާލުމަށް ޕޯސްޓަރުތައް ހިފައިގެން މުޒާހަރާކުރި މީހުން ގޮވާލި އެވެ.

ޖިންސީ ކުށުގެ ސީރިއަސް ގިނަ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވާލި މައްސަލާގައި ވެސް މުޒާހަރާގެ ބައިވެރިން ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

"މުޅި ދައުލަތުން އަލީ ވަހީދު ފިލުވާލާފަ، ނޫސްތަކުގެ ފަލަ ސުރުޚީތަކުން ފެނިގެން ދިޔައީ އަލީ ވަހީދު ގެއްލިއްޖެއޭ، ވީތަނެއް ނޭނގެއޭ. އަޅެ އަޖައިބު އަންތަރީސް، އާވާރާ މީހަކު ނުވާނެތޯ،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

ޖިންސީ ފުރައްސާކުރުން ހުއްޓުވުމަށް ފިޔަވަޅު އަޅައިދިނުމަށް ގޮވާލާ މާލޭގައި އޭޕްރިލް 23، 2021 ވަނަ ދުވަހުގެ ރޭ ކުރި މުޒާހަރާގެ ތެރެއިން. ފޮޓޯ: އަބްދުﷲ އަބީދު | ހުރިހާ

އިންޓަޕޯލުން ރެޑް ނޯޓިސް ނެރެގެން ވެސް އަލީ ވަހީދު ޝަރީއަތަށް ހާޒިރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދެއްކެވި ވާހަކަފުޅަކީ އޭނާ ހެއްދެވި އިތުރުފުޅެއް ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ބުންޏެވެ.

"އަޅުގަނޑު މި ބުނަނީ ނުގެވެނެއޭ. ނުވާނެއޭ. އެއީ ފިލުވާލި މީހެކޭ. ފިލުވާނުލާނަމަ މިއަދު ތިވާހަކަ ރައްޔިތުން ހައްދަން ދައްކާކަށް ނުޖެހޭނެ،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

މީގެއިތުރުން ޖިންސީ ފުރައްސާރަ ކުރުން ރާއްޖޭގައި އިތުރުވަމުން އަންނާތީ އެކަމުގެ ކަންބޮޑުވުން ވެސް މުޒާހަރާގެ ބައިވެރިން ފާޅުކޮށްފައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާމްތަކަށް ވެސް ރޭޕިސްޓުންނަށް ނާދެވޭ ގޮތަށް ޕާޓީތަކުގެ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލި އެވެ.

ޖިންސީ ފުރައްސާކުރުން ހުއްޓުވުމަށް ފިޔަވަޅު އަޅައިދިނުމަށް ގޮވާލާ މާލޭގައި އޭޕްރިލް 23، 2021 ވަނަ ދުވަހުގެ ރޭ ކުރި މުޒާހަރާ ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: އަބްދުﷲ އަބީދު | ހުރިހާ

ރޭޕާ ދެކޮޅަށް އަޑުއުފުލުން އަނެއްކާވެސް އިތުރުވެފައި މިވަނީ ޒުވާން އަންހެނަކު ގަދަކަމުން ދަމާފައި ގެންގޮސް ރަހީނު ކުރި މައްސަލައެއް ދާދިފަހުން ފެންމަތިވުމުންނެވެ. ތުހުމަތު ކުރެވޭ ގޮތުގައި އެ ބަޔަކު އުޅުނީ އެ އަންހެން މީހާ ރޭޕް ކުރުމަށެވެ.

އެ މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.