އަމިއްލަ ގައުމަށް ޣައްދާރުވި ކަމަށް ބުނެ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންއަށް ފާޑުކިޔުމާއި ފުރައްސާރަ އަމާޒު ވަމުން އެބަދެ އެވެ.

ޝާހްރުކް ޚާންއަކީ ޣައްދާރެއް ކަމަށް ބުނެ އެންމެ ފުރަތަމަ ވާހަކަ ދައްކާފައިވަނީ ބީޖޭޕީގެ އިސް މެމްބަރެއް ކަމަށްވާ ސަންގީތު ސޯމް އެވެ.

ސަންގީތު އެ ބީދައިން ވާހަކަ ދައްކާފައިވަނީ އިންޑިއާގެ ކްރިކެޓް ލީގު އައިޕީއެލްގައި ކުޅޭ ވާދަކުރާ ޝާހްރުކް ޚާންގެ ޓީމު ކޮލްކަތާ ނައިޓް ރައިޑާސްއިން ބަންގްލަދޭޝްގެ ކުޅުންތެރިއަކު ގަނެފައި ވަނިކޮށެވެ.

އެގޮތުން އިންޑިއާގައި ވެސް ހުނަރުވެރި މޮޅު ކުޅުންތެރިން ތިއްބާ ބޭރު ގައުމަކުން ކުޅުންތެރިއަކު ގެނައުމަކީ އަމިއްލަ ގައުމަށް ބޭވަފާތެރިވުން ކަމުގައި އޭނާ ސިފަކުރި އެވެ.

އިންޑިއާއާއި ބަންގްލަދޭޝްގެ މަޝްރަހު ހޫނު ވެފައި ވަނިކޮށް ޝާހްރުކް ޚާން ބަންގްލަދޭޝްގެ ކުޅުންތެރިއަކު ގަތުމަކީ އޭނާ ބަންގްލަދޭޝްއަށް ވާގިވެރިވާ ކަމުގެ ހެއްކެއް ކަމަށް ވެސް ސަންގީތު ތުހުމަތު ކޮށްފައިވެ އެވެ.

މުސްލިމުންގެ މެޖޯރިޓީއެއް އޮންނަ ބަންގްލަދޭޝްގައި ހިންދޫންނާ ދެކޮޅަށް ހިންގާ އަމަލުތައް ގިނަވެފައިވާއިރު ހިންދޫން އެންމެ ގިނަ އިންޑިއާއިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.