އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީ، އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އާއި އަނބިކަނބަލުން ސިލިއާ ފްލޯރެސް ވަގަށް ނެގިއިރު، އެމަނިކުފާނު މިހާރު ހުންނެވީ ނިއުޔޯކްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޑްރަގްގެ ބޮޑު ނެޓްވޯކެއް އޮތް ކަމަށް ބުނެ، ވެނެޒުއޭލާއަށް އެތަކެއް ގޮތްގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން އަންނަތާ ދުވަސްތަކެއް ފާއިތުވުމަށް ފަހު އިއްޔެ ފަތިހުގެ ވަގުތެއްގައި އެމެރިކާއިން ވަނީ ވެނެޒުއެލާއަށް ވަރުގަދަ ހަމާލަތަކެއް ދީފަ އެވެ. އަދި މި ހަމަލާތަކަކީ ވެނެޒުއެލާގެ ރައީސް މަދޫރޯގެ ސަރުކާރާ ދެކޮޅަށް އެމެރިކާއިން ފެށި ހަރަކާތްތަކުގެ ތެރެއިން ދިން ހަމަލާތަކެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި މާޑޫރޯ އާއި އޭނާގެ އަނބިކަނބަލުން އަތުލައި ގަނެވި، ގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އިދާރާތައް ވެސް ބައިވެރިވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ފަހުން ވިދާޅުވީ އެ ބޭފުޅުން ނިއުޔޯކަށް ގެންނާނެ ކަމަށާއި، އެ ބޭފުޅުންގެ މައްޗަށް ގާނޫނު އަރާ ހަމަކުރާނެ ކަމަށެވެ.

އަލްޖަޒީރާއިން ބުނިގޮތުގައި މަޑޫރޯ ނިއުޔޯކުގެ ސްޓެވާޓް އިންޓަނޭޝަނަލް އެއާޕޯޓަށް މަދޫރޯ ފަައިބާ ވަޑައިގެންނެވި މަންޒަރު ފެނުނު ކަމަށެވެ.

ނަމަވެސް، އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ހުންނެވި މަންޒަރު ނުފެންނަ ކަމަށް އަލްޖަޒީރާ އިން ބުންޏެވެ.

އެހެންކަމުން ނިއުޔޯކްގެ ނިއު ވިންޑްސާ އަށް ޖެއްސި ބޮއިންގް 757 މަރުކާގެ މަތިންދާބޯޓުގައި އެކަމަނާ ހުންނެވިކަން ނުވަތަ ނޫންކަން އަދި ސާފު ނުވާ ކަމަށް އަލްޖަޒީރާއިން ބުނެ އެވެ. މިކަމާ ގުޅޭގޮތުން ވައިޓް ހައުސް އިން އެއްވެސް މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށް ވެ އެވެ.

ނަމަވެސް އެމެރިކާގެ އެޓާނީ ޖެނެރަލް ޕާމް ބޮންޑީ ވިދާޅުވީ، ނިކޮލަސް މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޯރެސްގެ މައްޗަށް ވެސް ނިއުޔޯކުގެ ސަދަން ޑިސްޓްރިކްޓްގައި ގިނަ ދައުވާތަކެއް އުފުލާފައިވާ ކަމަށެވެ.

ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި މަޑޫރޯ ފުރަތަމަ ފަހަރަށް މެންހަޓަންގެ ކޯޓަކަށް ހާޒިރު ކުރާނެ ކަމަށް ބެލެވެ އެވެ.

އެމެރިކާގެ އެތެރޭގެ އިންޓެލިޖެންސް ރިޕޯޓުތަކުން ވަނީ މަޑޫރޯ ވެނެޒުއޭލާގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑު ނެޓްވޯކެއް ހިންގާ ކަމަށް ބުނެފަ އެވެ.