ދެހާސްނަވާރަ ވަނަ އަހަރުގެ އީސްޓާ ސަންޑޭގައި ސްރީ ލަންކާގައި ދިން ޓެރެރިސްޓް ހަމަލާތަކުން ރައްކާތެރިވުމުގައި އިހުމާލުވި ކަމަށް ސާބިތުވެ، އެ ގައުމުގެ ކުރީގެ ޕޮލިސް ޗީފް ޕުޖިތު ޖަޔަސުންދަރައާއި ކުރީގެ ޑިފެންސް ސެކްރެޓަރީ ހެމަސިރި ފެނާންޑޯ މަރަން މިއަދު ހުކުމްކޮށްފި އެވެ.

ސްރީ ލަންކާގެ ހައިކޯޓުން މި ހުކުމް އިއްވާފައި ވަނީ ރަސްމީ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކުރުމާއި، ސިއްރު މައުލޫމާތުތައް ލިބި ތިބެމެ ހަމަލާތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ، ޖިނާއީ އިހުމާލުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.

ގާތްގަނޑަކަށް 269 އަށްވުރެ ގިނަ މީހުން މަރުވި މި ހަމަލާއާ ގުޅިގެން އެ ދެ ބޭފުޅުންގެ މައްޗަށް ދައުލަތުން ވަނީ މެރުމާއި މެރުމުގައި ބައިވެރިވުމުގެ އެތައް ސަތޭކަ ދައުވާއެއް އުފުލާފަ އެވެ.

ބޮމުގެ ހަމަލާތައް ދިނުމުގެ ކުރިން އެކަމުގެ އިންޓެލިޖެންސް މައުލޫމާތު ބޭރުގެ އިދާރާތަކުންނާއި އެތެރޭގެ އިންޓެލިޖެންސް މެދުވެރިކޮށް ލިބިފައިވީ ނަމަވެސް، އެ މައުލޫމާތުތަކަށް އެކަށީގެންވާ ސަމާލުކަމެއް ދީފައި ނުވާކަން ކޯޓުގައި ވަނީ ސާބިތުވެފަ އެވެ.

މިއީ ލަންކާގެ ތާރީހުގައި ވެސް ދައުލަތުގެ އިސް މަގާމުތަކެއް ފުރައްވާފައިވާ ދެ ބޭފުޅެއްގެ މައްޗަށް މިފަދަ ބޮޑު އިހުމާލެއްގެ ކުށް ސާބިތުވެ މަރުގެ ހުކުމެއް އިއްވި ފުރަތަމަ ފަހަރެވެ.