ރާއްޖޭގެ ސްކޫލުތަކުގައި ދެ ޖިންސުގެ ދަރިވަރުން މައްސުނި ނުކޮށް، ކިޔަވައިދެވޭނެ ގޮތްތައް ހަމަޖައްސައިދޭން އިލްމުވެރިންގެ ގުޅުން ކިޔާ ބަޔަކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އަރިހުން އެދިއްޖެ އެވެ.
އެ ޖަމިއްޔާގެ އިލްމުވެރިންގެ ފަރާތުން މިނިސްޓަރަށް ފޮނުވި ސިޓީގައި ވަނީ 2008ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ބޮޑެތި ސްކޫލްތަކުގައި އަންހެން އަދި ފިރިހެން ކުދިން ތިބީ ވީހާ ވެސް ބޮޑަކަށް ވަކިކުރެވިފައި ކަމަށެވެ.
ނަމަވެސް، 2008 ވަނަ އަހަރު އައި އެމްޑީޕީ ސަރުކާރާއެކު ގެނެވުނު ބަދަލުތަކަކީ އިސްލާމީ އުޞޫލުތަކާއި ދިވެހީންގެ ސަޤާފަތާ ބީރަށްޓެރި، ސެކިއުލާ ފިކުރެއްގެ މައްޗަށް ބިނާވެފައިވާ ބަދަލުތަކެއް ކަމަށް އެ ސިޓީގައި ވެ އެވެ.
ދެ ޖިންސްގެ ކުދިން މައްސުނިކޮށް ކިޔަވައިދިނުމުން މީގެކުރިން ދިމާވެފައިވާ ބައެއް މައްސަލަތައް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ދާދިފަހުން އައްޑޫ ހައި ސްކޫލުގެ ކުލާހެއް ތެރޭގައި ދެ ޖިންސުގެ ދަރިވަރުން ގައިގޯޅިވެ ބޭއަދަބީކޮށް އުޅެފައިވާ މައްސަލަ އަކީ ވެސް ދެ ޖިންސު މައްސުނިކޮށް ކިޔަވައިދިނުމުގެ ސަބަބުން ކުރިމަތިވާ އަހްލާގީ މައްސަލަތައްކަން އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ދެ ޖިންސު މައްސުނި ކުރުމަކީ ދަރިވަރުންގެ އަހްލާގާއި ސުލޫކަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމެއްކަން ހަވާޑް ޔުނިވާސިޓީއާއި ބީބީސީ ފަދަ ބައިނަލްއަގުވާމީ މުއައްސަސާތަކުގެ ދިރާސާތަކުން ހާމަވާކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
އެހެންކަމުން ސްކޫލްތަކުގެ ތައުލީމީ މާހައުލަކީ ދެ ޖިންސު މައްސުނި ނުވާނެ ފަދަ މާހައުލަކަށް ހެދުމަށް ކަމާގުޅޭ އުސޫލުތައް އިސްލާހުކޮށްދޭން އެ ޖަމިއްޔާ އިން ވަނީ އެދިފަ އެވެ.
އަޕްޑޭޓްނުވާ މީޑިއާތައް ހިމެނޭހެން ގިނަ މީޑިއާތަކަށް ފައިސާބަހަނީ
