އެމެރިކާއިން ވެނެޒުއޭލާއަށް ވަދެ، އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އާއި އަނބިކަނބަލުން ހައްޔަރުކޮށްގެން ނިއު ޔޯކަށް ގެނެސްފައިވާއިރު، އިންތިގާލީ އިންތިޒާމެއް ހަމަޖައްސައިދެވެންދެން އެ ގައުމުގެ ހިންގުމާއި ތެލުގެ ވިޔަފާރީގެ ހުރިހާ ކަމެއް ވެސް ބަލަހައްޓަމުން ގެންދާނީ އެމެރިކާއިން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޖެނުއަރީ 2ވަނަ ދުވަހު ވެނެޒުއޭލާ ގަޑިން މެންދަމުގެ ވަގުތެއްގައި އެމެރިކާގެ ގިނަ ޢަދަދެއްގެ ހެލިކޮޕްޓަރުތައް އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަދެ ވަނީ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ އޮޕަރޭޝަންގައި މަދޫރޯ އާއި އަނބިކަނބަލުން، ސީލިއާ ފްލޯރޭސް ހައްޔަރުކޮށްގެން، އިންޑިއާގެ ކަނޑުގެ ސިފައިންގެ އުޅަނދަކަށް ގެންދިޔުމަށްފަހު، ފަހުން ވަނީ ހެލިކޮޕްޓަރެއްގައި އެމެރިކާގެ ނިއޯ ޔޯކަށް ގެންގޮސްފަ އެވެ.
މަދޫރޯ އާއި އަނބިކަނބަލުން މި ވަގުތު ތިއްބެވީ ނިއު ޔޯކުގައި ހުންނަ ޑިޓެންޝަން ސެންޓަރެއްގަ އެވެ.
ފްލޮރިޑާގައި ހުންނަވައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، ޓްރަމްޕް ވިދާޅުވީ، ވެނެޒުއޭލާގައި ހަމަޖެހުން ޤާއިމުކޮށް، ވެރިކަމުގެ އިންތިޤާލީ ނިޒާމެއް ޤާއިމުކުރެވެންދެން، އެ ޤައުމު ހިންގުމާ އެމެރިކާއިން ސީދާ ޙަވާލުވެފައިވާ ކަމަށެވެ.
ޓްރަމްޕްގެ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި، ވެނެޒުއޭލާއިން ވަގަށް ތެޔޮ ބޭރުކޮށްގެން ލިބޭ އާމްދަނީ ބޭނުންކުރަނީ، މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކުރުމަށެވެ.
އެއާއެކު، ޕެސިފިކް ކަނޑާއި ކެރީބިއަން ކަނޑުގައި އެމެރިކާގެ އަސްކަރީ ޙަރަކާތްތައް ފުޅާކޮށް، މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކުރެވޭ ގިނަ އުޅަނދުތަކަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ ޙަމަލާދީފަ އެވެ.
މީގެއިތުރުން، ވެނެޒުއޭލާއިން ވަގަށް ތެޔޮ ބޭރުކުރާކަމަށް ތުހުމަތުކުރެވޭ ގިނަ ޢަދަދެއްގެ ޓޭންކަރުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، ކަނޑުމަގުން އެ އުޅަނދުތައް ހުއްޓުވުމުގެ މަސައްކަތް ވެސް އެމެރިކާއިން ވަނީ ފަށައިފަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، މަދޫރޯގެ ދިގު ވެރިކަމުގައި، ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް އޮންނަ ވެނެޒުއޭލާގެ ތެލުގެ ވިޔަފާރީގެ އުމްރާނީ ވަޞީލަތްތައް ވަރަށް ބޮޑަށް ހީނަރުކޮށްލާފައިވާއިރު، އެ ވަޞީލަތްތައް އަލުން ބިނާކޮށް، ތެލުގެ ވިޔަފާރިއާ އެމެރިކާގެ ތެޔޮ ކުންފުނިތަކުން ޙަވާލުވުމަށް ދަނީ ތައްޔާރުވަމުންނެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ އޮފިޝަލަކު ރޮއިޓަރސް ނޫހަށް ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ނިރުބަވެރި ޙަމަލާތައް ރޭވުން ފަދަ އެތައް ދަޢުވާއެއް މަދޫރޯގެ މައްޗަށް އުފުލުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި މިއަދުގެ ވަގުތެއްގައި މެންހަޓަންގެ ފެޑަރަލް ކޯޓަށް މަދޫރޯ ހާޒިރުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް އެ އިޝާރާތްކުރެއްވި އިންތިޤާލީ މަރުޙަލާގައި ވެނެޒުއޭލާގައި ވެރިކަން ކުރައްވާނެ ބޭފުޅެއްގެ ނަމެއް ވިދާޅެއްނުވެއެވެ. ނަމަވެސް، ވެނެޒުއެލާގެ އިދިކޮޅު ލީޑަރު އަދި ނޮބެލް ސުލްޙައިގެ އިނާމު ލިބިފައިވާ މާރިއާ ކޮރީނާ މަޗާޑޯއަށް، ވެނެޒުއޭލާގެ ރައްޔިތުންގެ ތާޢީދުނެތް ކަމަށް ޓްރަމްޕް ސާފުކޮށް ވިދާޅުވި އެވެ.
މިނިވަން އަދި މުސްތަޤިއްލު ޤައުމެއްގައި އަސްކަރީ ޙަރަކާތެއް ހިންގުމުން އދ އާއެކު ގިނަ ޤައުމުތަކުން ވަނީ އެމެރިކާގެ ޢަމަލު ކުށްވެރިކޮށް، ކަންބޮޑުވުންފާޅުކޮށްފަ އެވެ.
އަދި އެމެރިކާގެ އިދިކޮޅު، ޑިމޮކްރެޓްސް އިން ވެސް ދަނީ، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ނުހޯދައި، ބޭރު ޤައުމެއްގައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމުން ޓްރަމްޕްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
"ފަލަސްތީން 36"އަށް ގިނަ ކާމިޔާބީތަކެއް!
އެވެޓާގެ އެންމެ ފަހު ފިލްމު ވެސް ބިލިއަން ޑޮލަރު ކްލަބަށް!
އަންނަ މަހު 12 ގައި ތޮއްޑުއަށް ސީޕްލޭންގެ ހިދުމަތް ފަށަނީ