ބޭސް ސިޓީ ފޯޖުކޮށްގެން، އެކި ދުވަސް މަތިން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ ބޭސް ނެގި މީހެއްގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އާއްމުކުރި، ހެލްތު އިންޝުއަރެންސް ސްކީމްގެ 2019-2024 ރިޕޯޓުގައި ބުނެފައި ވަނީ ބޭސް ސިޓީއެއް ފޯޖުކޮށްގެން ބޭސް ސިޓީ އާކުރި މައްސަލަ އާސަންދައަށް ފުރަތަމަ ހުށަހެޅީ ފެބްރުއަރީ، 2023 ގައި މާލޭގެ ހޮސްޕިޓަލަކުން ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުވާ މީހާގެ ބައްޕަގެ ނަން މަތީގައި އޮޅުވާލައިގެން ބޭސް ނަގަމުންދާ ކަމަށާއި އޭނާގެ ބައްޕަ ދިރިއުޅެނީ މާލޭގައި ނޫން ކަމަށް ވިޔަސް، މާލޭގެ އެކި ފާމަސީތަކުން ބޭސް ނަގަމުންދާ ކަމަށް އާސަންދައިގެ ހޮޓްލައިނަށް ޝަކުވާ ހުށަހަޅާފައިވެ އެވެ.
އެ ގޮތަށް ބޭސް ނަގަނީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރިކޯޑު އޮތް މީހެއް ކަމަށް ވެސް ހުށަހެޅުނު ޝަކުވާގައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.
އެގޮތަށް ބޭސް ނެގުން ތަކުރާރުވާތީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.
އެ މުއްދަތުގެ ފަހުން ވެސް އޮންލައިން ކޮންސަލްޓޭޝަން ނޫން ގޮތަށް ރާއްޖޭގެ ދެ ހިސާބެއްގައި ހުރެގެން އެއް ތާރީހެއްގައި ޑޮކްޓަރަށް ދައްކައިގެން ބޭސް ނެގި ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.
ފެބްރުއަރީ، 2023 އިން އޭޕްރީލް، 2024 ގެ ނިޔަލަށް އެ މީހާގެ ބައްޕަގެ ނަން މަތީގައި މާލޭ ހޮސްޕިޓަލްތަކަށް ދައްކައިގެން 112،586ރ. އަދި އައްޑޫ ހޮސްޕިޓަލަށް ދައްކައިގެން 25،080ރ. ގެ ބޭސް ނަގާފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.
ކަންގަނާ އަނބުރާ ފިލްމު ސެޓަށް!
ހާއްސަ ބޭނުންތަކަށް ނަގާ ޗުއްޓީއަށް އެދި ސީދާ ކޮމިޝަނަށް ހުށަހެޅޭ
