ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ނުސާފުވެ، "ރެޑް އެލާޓް" އަށް ކަމަށް އެއާ ކޮލެޓީ އިންޑެކްސް އިން ދައްކައިފި އެވެ.

މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަޙައްދުތަކަށް ސިއްހަތަށް ނުރައްކާވާ މިންވަރަށް މިއަދު ވައި ނުސާފު ކަމަށެވެ. އަދި ރާއްޖެ ސަރަޙައްދުގެ ވައި ނުސާފުވެ "ރެޑް އެލާޓް"އަށް އަރާފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ހަ ގަޑިއިރު ވެސް ވައި ހުންނާނީ ނުރައްކާ މިންވަރެއްގައި ކަމަށާއި، ސިއްހީ ގޮތުން މައްސަލަ ނެތް ފަރާތްތަކުން ވެސް މިއަދު ސަމާލުވާން ޖެހޭ ކަމަށް މެޓުން ބުނެ އެވެ.

މި ހާލަތުގައި ސަމާލުކަން ދޭންވީ ކަންތަކަކީ:

  • ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރަށް ނުކުންނަން ޖެހޭ ހާލަތުގައި ރައްކާތެރި މާސްކު އެޅުން
  • ބޭރުގެ ނުސާފު ވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
  • އެއާ ޕިއުރިފައިއާ ބޭނުން ކުރުން
  • ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުން

މެޓު އޮފީހުން ބުނީ ދުރު ފެންނަ ނިސްބަތް ހުންނަ މިންވަރު ރަނގަޅުވާނެ ކަމަށް ބެލެވެނީ ހޮނިހިރު ދުވަހުގެ ފަހުން ކަމަށެވެ.

ރާއްޖޭގެ އެއާ ކޮލިޓީ ބަލަހައްޓާ ވިލިމާލޭގައި ހުންނަ ސިސްޓަމުން ދައްކާގޮތުން މާލެ ސަރަޙައްދުގެ ވައިގެ ނުސާފުކަން ހުރި މިންވަރު ވަނީ، 193 އަށް އަރާފަ އެވެ. އަދި ދ. ކުޑަހުވަދޫގައި ހުންނަ މޮނީޓަރިން ސިސްޓަމުން ދައްކާގޮތުން އެ ސަރަޙައްދުގެ ވައިގެ ކޮލިޓި ހުރީ 162 ގަ އެވެ.

ރާއްޖެ ސަރަޙައްދުގެ ވައި ނުސާފު ވެފައި ވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމާ އެކު އެވެ. ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމުގައި މިމައްސަލަ ރާއްޖެއަށް ދަނީ ކުރިމަތިވަމުންނެވެ.