ސިވިލް ސާވިސް މުވައްޒަފުންނަށް "ހާއްސަ ސިއްހީ ބޭނުންތަކަށްދެވޭ ޗުއްޓީ" އަށް އެދެވޭނެ ލުއިފަސޭހަ ގޮތެއް ސިވިލް ސާވިސް ކޮމިޝަނުން ހަމަޖައްސައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން އާންމުކޮށްފައިވާ އުސޫލުގައި ހާއްސަ ހާލަތްތަކުގައި ސިއްހީ ބޭނުންތަކަށްދޭ ޗުއްޓީއަށް މުވައްޒަފުން އެދޭ ހާލަތްތަކުގައި އިދާރާތަކުން މަސްއޫލުވެރި އޮފީސް މެދުވެރިކޮށް އެކޮމިޝަނަށް ހުށަހަޅާގޮތަށް އޮތުމުން އެކަމުގައި ދަތިތަކެއް މުވައްޒަފުންނަށް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެގޮތުން މުވައްޒަފުން މަސައްކަތްކުރާ އޮފީސް މެދުވެރިކޮށް ކޮމިޝަނަށް ހުށަހަޅާގޮތަށް އޮތުމުން ޗުއްޓީ ދިނުމާ މެދުގޮތެއް ކަނޑައަޅައި މުވައްޒަފަށް އެކަން އެނގުމަށް ހޭދަވާ މުއްދަތު ދިގުލައިގެންދާކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެކަމަށް ހައްލެއް ގެނައުމަށް ހާއްސަ ހާލަތްތަކުގައި ސިއްހީ ކަންކަމުގައި މުވައްޒަފުން ޗުއްޓީއަށް އެދޭ ހާލަތުގައި އެމުވައްޒަފެއް މަސައްކަތްކުރާ އިދާރާއަށް ކޮޕީކުރުމަށްފަހު ޗުއްޓީ ހަމަޖައްސައިދިނުމަށް އެދި ސީދާ ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅަންޖެހޭގޮތަށް އެ ކޮމިޝަނުން މިހާރު ވަނީ ހަމަޖައްސާފަ އެވެ.

އެކޮމިޝަނުން ބުނީ މިގޮތަށް ހުށައަޅާއިރު ޗުއްޓީ ފަށަން ބޭނުންވާ ތާރީޚުގެ 15 ދުވަސް ކުރިން ކަމާ ގުޅުންހުރި ލިޔެކިޔުންތަކާއެކު ހުށަހެޅުމަށްވަނީ އަންގާފަ އެވެ. މިކަމަށް އެދި ހުށަހަޅާނީ "ހާއްސަ ސިއްހީ ބޭނުންތަކަށްދެވޭ ޗުއްޓީއަށް އެދޭ ފޯމު" މެދުވެރިކޮށްކަމަށް އެ ކޮމިޝަނުން ބުންޏެވެ.