ގަލްފުގެ ގައުމުތަކަށް ދަތުރުކުރާ އިންޑިއާ މީހުންގެ "ކަރަންޓީނު މަރުކަޒަކަށް" ރާއްޖެވުމުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކަންބޮނޑުވުން ފާޅުކޮށްފި އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަން ހިނގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްތަކަށް އަރާ ފޭބުން މަނާކޮށް، ރަށްތަކުގައި މިހާރު ކޮވިޑް ކޭސްތައް އިތުރުވާން ފަށާފައިވަނީ، އިންޑިއާ ރައްޔިތުންގެ "ކަރަންޓީން މަރުކަޒަށް" ރާއްޖެ ހެދުމުގެ ސަބަބުން ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ އިންޑީއާގެ ރައްޔިތުން އެހެން ގައުމުތަކަށް މަސައްކަތް ކުރުމަށް ދިޔުމަށް ކަރަންޓީން މަރުކަޒަކަށް ރާއްޖެ މިހާރު މިވަނީ ހަދާފައި. ދިވެހި ރައްޔިތުން ނުރައްކަލެއްގެ ތެރެއަށް މި ވައްޓާލަނީ، ބައެއްގެ ލާބައާއި މަންފާއަަށްޓަކައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސަރުކާރުން ދިވެހި ރައްޔިތުންގެ ބަދަލުގައި އެހެން ގައުމުތަކުގެ މީހުންނަށް އިސްކަން ދެމުންގެންދާކަން އިންޑިއާ މީހުންގެ ކަރަންޓީނު މަރުކަޒަކަށް ރާއްޖެ ވުމުން އެގިގެންދާ ކަމަށެވެ. އަދި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަން ކުރައްވަމުން ގެންދަވަނީ ކޮން ގައުމަކުތޯ ވެސް އަބްދުއްރަހީމް ވަނީ ސުވާލު އުފައްދައިފަ އެވެ.
"މިއީ ބިރުވެރި ނުރައްކާތެރި ކަމެއް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަން މިއުޅެނީ ކޮން ގައުމެއްގެ ރައްޔިތުންނަށްތޯ،" އޭނާ ވިދާޅުވި އެވެ.
އިންޑިއާގައި ކޮވިޑް ކޮންޓްރޯލްނުވެ ހަލުވިކަމާއެކު އެގައުމުގައި ފެތުރެމުންދާއިރު، އެގައުމުން ފަތުރުވެރިން ރާއްޖެ އަންނާތީ ގިނަބަޔަކު ވަނީ ކަންބޮނޑުވުން ފާޅުކޮށްފަ އެވެ. އެ ކަންބޮނޑުވުންތަކާ ގުޅިގެން މިއަދު އެޗްޕީއޭއިން ވަނީ އިންޑިއާއިން އަންނަ ޓޫރިސްޓުންނަށް ގެސްޓު ހައުސްތަކުގައި ނުތިބެވޭނެ ކަމަށް ނިންމައިފަ އެވެ.
އެޗްޕީއޭގެ އެ ނިންމުމުގެ ބޭނުމަކީ އިންޑިއާ މީހުން ރާއްޖެއަށް ކަރަންޓީނު ވުމަށް އަންނަ އައުން މަޑުޖެއްސެވުން ކަމަށް ލަފާކުރެވެ އެވެ.
ހުޅުމާލޭގެ ގެސްޓު ހައުސްތަށް މިހާރު ފުރިފައިވާއިރު އެތަންތާގައި ގިނައީ އިންޑިއާއިން ރާއްޖެއަށް ކަރަންޓީނުވުމަށް އައިސް ތިބި މީހުންނެވެ.