ރާއްޖޭގެ ރަށްރަށް ކައިރީގައި ސަފާރީތަކަށް ތިބިބެވޭ ގޮތް ހެދުމަށް ކަމާބެހޭ ގަވާއިދު ވަރަށް އަވަހަށް އިސްލާހު ކުރެވޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ޕީއެންސީގެ އޮފީސް ހުޅުވަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަފާރީތަކުން ގެސްޓްހައުސްތަކަށް ބަނގުރާ ގެންދާ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންވެ، އެފަދަ މައްސަލަތައް ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން އަޅާ އެއް ފިޔަވަޅަކީ މީހުން ދިރިއުޅޭ ރަށްރަށާ ވަކި ދުރުމިނެއްގައި ނޫނީ ސަފާރީތަކަށް ނުތިބެވޭ ގޮތް ހެދުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ވަރަށް އަވަހަށް އެ އިސްލާހު ގެޒެޓްކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ލޯކަލް ޓޫރިޒަމުގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުން ރަށު ތެރޭ އުޅޭއިރު އަމަލުކުރަން ޖެހޭ މިންގަނޑުތައް ވެސް ހަރުދަނާކުރަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެފަދަ ހަރުދަނާ ފިޔަވަޅުތަކާއެކު ލޯކަލް ޓޫރިޒަމް ކުރިއަރުވަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެއްކަމެއްގެ ގޮތުގައި ޑޮލަރު އޭޓީއެމްތައް ބެހެއްޓުން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އެހެންވީމަ މިކަންކަން ރަނގަޅު ކުރުމަށް. ގަވާއިދުތައް އަޅުގަނޑުމެން މި އިސްލާހު ކުރަނީ. ކަމާއި ގުޅޭ ގަވާއިދު. ރަށު ތެރޭގަ ޓޫރިސްޓުން އުޅޭއިރުގަ ހުންނަން ޖެހޭނެ މިންގަނޑުތަކަކާއި މިކަންކަން. މިހާރު އޮތް ގަވާއިދަށް އިތުރު އިސްލާހުތައް ގެނައީ،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގަވާއިދަށް ގެންނަ އެފަދަ ބަދަލުތައް ތަންފީޒުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ ކައުންސިލްތަކުން ކަމަށެވެ. އަދި ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލެއް ހޮވިގެން ނޫނީ އެކަން ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.