ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފުވާ މިންވަރަކަށް ބެލުމަށްފަހު، ޕާޓީތައް ސަސްޕެންޑްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނައުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކާ ގުޅޭގޮތުން ޕާޓީތަކުގެ ހިޔާލު ހޯދުމަށް މަޝްވަރާކުރުމަށް ބައްދަލުވުމެއް އަންނަ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައުމަށް ހުށަހަޅާ މައިގަނޑު އިސްލާހްތަކުގެ ތެރޭގައި ސިޔާސީ ޕާޓީތައް ސަސްޕެންޑް ކުރުމުގެ ބާރާއި، ސިޔާސީ ޕާޓީތަކުގެ މައި ދަފްތަރަކީ އީސީ އިން ބަލަހައްޓާ ދަފްތަރަކަށް ހެދުން ހިމެނެއެވެ. އަދި ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕް 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރުން ވެސް ހިމެނެ އެވެ. މީގެ އިތުރުން ޕާޓީތައް ޖޫރިމާނާކުރުމާއި ޕާޓީތައް އުވާލެވޭނެ ގޮތްތަކާއި ދައުލަތުން ފައިސާ ދޫކުރާނެ އުސޫލްތަކާއި ޕާޓީގެ ނަމުގައި ހިންގޭނެ ހަރަކާތްތަކާއި ކުށްތައް ކަނޑައެޅުން ހިމެނެ އެވެ.

އެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދިހަވަނަ މާއްދާ އުވާލުން ވެސް ހިމެނެ އެވެ. އެއީ ޕާޓީގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް އޮންނަ މާއްދާ އެވެ. އޭގެ އިތުރުން ޕާޓީގެ ނަމުގައި މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމާއި ޕާޓީގެ މެމްބަރުން ރަޖިސްޓްރީކުރުމަށް ހުށަހަޅަން ޖެހޭ ތަކެތީގެ ތަފުސީލް ވެސް ހިމަނާފައިވެ އެވެ.

އެ އިސްލާހުތަކުގެ ތެރޭގައި ޕާޓީތަކަށް ފައިސާ ދޫކުރާނެ އުސޫލްތަކެއް ވެސް ކަނޑައަޅާފައިވެ އެވެ. އެގޮތުން ޝަރުތު ހަމަވާ ފަރާތްތަކަށް ކޮންމެ އަހަރެއްގެ މާޗް 31ގެ ކުރިން ފައިސާ ހަވާލުކުރުން ލާޒިމްކޮށްފައިވެ އެވެ.

އިލެކްޝަންސް އިން ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ޕާޓީއެއްގެ އިންތިހާބީ މަގާމެއްގައި ހުރި މީހަކު ޖިނާއީ ހުކުމެއް ތަންފީޒުކުރަމުންދާ ނަމަ އެ މުއްދަތުގައި އާއްމު މެމްބަރެއްގެ ހައިސިއްޔަތުން ޕާޓީ ތަމްސީލުކުރުން ފިޔަވައި އިންތިހާބީ މަގާމެއްގައި ހުރުމާއި ޕާޓީ ތަމްސީލްކުރުމުގެ ހައްގު ނުލިބޭ ގޮތަށް ހެދުން ވެސް ހިމެނެ އެވެ. މީގެ އިތުރުން ޓެރެރިޒަމާއި އެހެން ކުށްތަކަށް ހިތްވަރުދޭ ގޮތަށް ގޮވާލާ ނަމަ ވެސް ފިޔަވަޅު އެޅޭ ގޮތަށް އިސްލާހު ހުށަހަޅާފައިވެ އެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ އެ ގާނޫނުގެ ދަށުން އަންގާ ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނުކުރާ ނަމަ ޕާޓީ ސަސްޕެންޑްކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ. އަދި ސަސްޕެންޑްކޮށްފައިވާ މުއްދަތުގައި ޕާޓީގެ އެއްވެސް ހަރަކާތެއް ނުބޭއްވޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ. މީގެ އިތުރުން އެ މުއްދަތުގައި އަންގާ ކަމެއް ނުކޮށްފިނަމަ ޕާޓީ އުވާލަން ހައިކޯޓަށް ހުށަހެޅޭނެ ކަމަށް ވެސް އިލެކްޝަންސްގެ އިސްލާހުގައި ބުނެފައިވެ އެވެ.

ސިިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން އިލެކްޝަންސް ކޮމިޝަނަށް އެޅެން އޮންނަ ފިޔަވަޅަކީ ޕާޓީއެއް އުވާލުމާއި ޖޫރިމަނާ ކުރުމެވެ.

ސިޔާސީ ޕާޓީތަކާބެހޭ ގާނޫނަށް އިލެކްޝަންސް ކޮމިޝަނުން ގެންނަން ހުށަހަޅާ އިސްލާހުތަކެއް އެ ކޮމިޝަނުން ވަނީ އެކުލަވާލާފަ އެވެ. އަދި އެ ކޮމިޝަނުން ހުށަހަޅާ އިސްލާހުތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ޕާޓީތަކަށް ވަނީ ދީފަ އެވެ.