ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިސްރާއީލުން ނިންމި ނިންމުމަކީ ސޯމާލިއާގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަންލިބޭ، ބައިނަލްއަގްވާމީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ހަލީލް މިހެން ވިދާޅުވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ހާރިޖީ ވަޒީރުންގެ ފެންވަރުގައި ސައުދީ އަރަބިއްޔާގެ ޖިއްދާގައި މިއަދު ބޭއްވި 22 ވަނަ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އިސްރާއީލުގެ މިފަދަ ނިންމުންތަކާމެދު ދިވެހި ސަރުކާރުން ކަންބޮޑުވާކަން ފާހަގަކުރައްވައި، މިއީ އދ. ގެ ޗާޓަރާވެސް ފުށުއަރާ ކަމެއްކަމަށް ހަލީލް ވިދާޅުވި އެވެ.
މީގެއިތުރުން، މެދުއިރުމަތީގެ ސަރަހައްދުގެ މަސްރަޙަށް އަލިއަޅުއްވާލައްވަމުން ހަލީލް ވިދާޅުވީ، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ބައިނަލްއަގްވާމީ ގާނޫނަށް އެ ގައުމުން އިހްތިރާމް ނުކުރާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. ޚާއްސަކޮށް ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ގޮވާލަމުންދާ ވަގުތެއްގައި، އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނާ ހިލާފުވަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވި އެވެ.
އަދި ބައިނަލްއަގްވާމީ ގާނޫނީ ނިޒާމު ބަލިކަށިވުމަކީ، ރާއްޖެ ފަދަ ބައިނަލްއަގްވާމީ އުސޫލުތަކަށް ބަރޯސާވާ ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ވެސް ހަލީލް ފާހަގަކުރެއްވި އެވެ.
އޯއައިސީ އަކީ 57 ގައުމުގެ މައްޗަށް އެކުލެވިގެންވާ މުސްލިމް އުއްމަތަށް ދިމާވާ ގޮންޖެހުންތައް ހައްލުކުތުމުގައާ ފަލަސްތީނުގެ ހައްގުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމިއްޔާއެކެވެ. 1976 ވަނަ އަހަރު މި ޖަމުޢިއްޔާގެ މެމްބަރަކަށް ވުމަށްފަހު ދިވެހިރާއްޖެއިން މި ޖަމުޢިއްޔާގައި ދަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.
ޓޮމްއާއި ސޫރީ އެކުގައި ނުފެންނަނީ މިހެންވެ!
އެންމެ ދެ މިނެޓު ތެރޭގައި ނިދޭނެ އުކުޅެއް!
ރޫޅުނު ކައިވެންޏާ ބެހޭގޮތުން ޖެނިފާ ވާހަކަ ދައްކައިފި
