މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ވަނަ ދުވަހު ބާއްވަން ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 5 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނިންމަވާފައިވާ ކަމަށެވެ. މި ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގަ އެވެ.

މި ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވާނެ އެވެ. މިއީ މުއިއްޒު ވެރިކަމާއި ހަވާލު ވެވަޑައިގެންނެވި ފަހުން ދެއްވާ 3 ވަނަ ރިޔާސީ ބަޔާނެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ކުރަންޖެހޭނެ ކަމަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ އެވެ. މި ބަޔާން އިއްވި ނަމަވެސް މިހާތަނަށް މި ބަޔާނުގައި ބުނާ ކަންކަމުގެ ތެރެއިން ގިނަ ކަންކަން ހާސިލެއް ނުކުރެވެ އެވެ.

މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން ކޮންމެ އަހަރަކު ވެސް ރިޔާސީ ބަޔާން އިއްވުމުން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިއްބަވާ ސިޔާސީ ޕާޓީއެއްގެ މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު، އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަންވާނެ އެވެ. އަދި މި ޖަވާބު އެކުލަވާލުމުގައި މެންބަރުންގެ ޚިޔާލާއި ފިކުރު ހޯދަންވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. ގަވާއިދުގެ ދަށުން ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި ޖަވާބު ދޭންވާނެ އެވެ.

އަންނަ މަހުގެ 5 ވަނަ ދުވަހު މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވާނެކަން މަޖިލީހުން ހާމަކުރައްވާފައިވާއިރު، މިއަހަރު ފެށުނު ފަހުން ވެރިކަން ކުރާ ޕީއެންސީން ގާނޫނު އަސާސީ ބަަދަލުކުރަން ބޭނުންވެގެން މަޖިލީހުގެ ދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވާފައިވެ އެެވެ.