ރާއްޖޭގައި ހިންގާ އެންމެ ގިނަ ދުވަސްވީ ފްރެންޗައިސް ރެސްޓޯރަންޓް މެލޭޝިއާގެ މޭރީބްރައުންގެ ސާފުތާހިރުކަން ކުޑަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެ އެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުން އެތަނުން އެންމެ ގިނައިން ވިއްކާ ތެލުލި ކުކުޅު ތައްޔާރު ކުރުމުގެ މަސައްކަތް މުވައްޒަފަކު ކުރަމުން ދިޔައިރު، އަންގި ނުލައްވާ ހުސްއަތުން ކާތަކެތީގައި އަތްލަ އެވެ. އަދި އޭނާ ހުރިހާ ކަމެއް ވެސް ކުރަމުންދިޔައީ އަންގި ބޭނުން ނުކޮށެވެ.
މި ވީޑިއޯއާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ، މަޝްހޫރު ވިޔަފާރިވެރިޔާ އާމިރު މަންސޫރު ހިންގާ މޭރީބުރައުންއަށް ފާޑު ކިޔާފަ އެވެ. އެގޮތުން ރައްކާތެރި ގޮތުގައި ކާނާ ތައްޔާރުކުރުމަށް އަންގި ބޭނުން ކުރުމުގެ ބަދަލުގައި އަންގި ނުގަނެ ފައިސާ ސަލާމަތްކުރަނީ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.
އެސްޓީއޯގެ ޗެއާމަން ކަން ވެސް ކުރައްވާ ލީއެފްއެންބީގެ މެނޭޖިން ޑިރެކްޓަރު އާމިރު އަންނަނީ މާލެ އާއި ހުޅުމާލޭގެ އިތުރުން އައްޑޫގައި ވެސް މޭރީ ބްރައުންގެ ބްރާންޗެއް ހިންގަމުންނެވެ.
އެ ވީޑިއޯއަށް މީހަކު ކޮށްފައިވާ އިތުރު ކޮމެންޓެއްގައި ބުނީ ރާއްޖޭގެ ވަރަށް ގިނަ ރެސްޓޯރަންޓް ތަކުގެ ބަދިގެ ތެރެއާއި ކާނާ ތައްޔާރުކުރާ ސަރަހައްދު ސާފުތާހިރުކަމެއް ނެތި ބޭނުން ކުރާ ކަމަށެވެ. ނަމަވެސް މިކަންކަން ހުއްޓުވަން އިދާރާތަކުން ނުކުޅެދިފައިވާކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.
ރާއްޖޭގައި އާއްމުކޮށް ހޮޓާ ރެސްޓޯރަންޓް ތަކުގައި ކާބޯތަކެތި ތައްޔާރުކުރުމުގައި ސާފުތާހިރުކަން ކުޑަކަމުގެ ޝަކުވާ ފެންމަތި ވެ އެވެ. ނަމަވެސް ކަމާގުޅޭ އިދާރާތަކުން އެންމެ އެދެވޭ ގޮތެއްގައި ކަންކަން މޮނިޓާ ނުކުރާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
ޕޮލިޓިކަލް ޑިރެކްޓަރަކާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ޑްރަގްގެ ބޮޑު މައްސަލާގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފި