ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި މޯލްޑިވް ގޭސް އިން އޮކްޓޯބަރު 2024 ގައި އޯޑަރުކުރި 800،000 ޑޮލަރުގެ ގޭސް ޝިޕްމަންޓްގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ދެއްކި 250،000 އެއްހާ ޑޮލަރު ގެއްލުނު މައްސަލައިގެ ފުރިހަމަ ތަހުގީގެއް މަޖިލިސް މެދުވެރިކޮށް ހިންގުމަށް ހުށަހަޅައިފި އެވެ.

އެ ފައިސާ ގެއްލިފައިވާކަން ހާމަކުރެއްވީ މިދިޔަ އަހަރުގެ އޭޕްރިލް މަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމެވެ.

ނާޒިމް އޭރު ވިދާޅުވީ، އެއީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް އޮކްޓޯބަރު 2024 ގައި ދެއްކި ފައިސާ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަން އޭނާ ހާމަނުކުރައްވަ އެވެ.

ވީނުވީއެއް ނޭނގި އެ ފައިސާ ގެއްލިފައިވާއިރު، ގޭސް ރާއްޖެއަށް އައިސްފައި ނެތްކަން ނާޒިމް ފާހަގަކުރެއްވި އެވެ. އަދި މިހާތަނަށް އެ ފައިސާ ހޯދުމުގައި އެއްވެސް ކާމިޔާބެއް ލިބިފައި ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ މެދުވެރިކޮށް މި މައްސަލަ ތަހުގީގުކުރުމަށް ދަންނަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ އަށް މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ފޮނުއްވި ސިޓީއެއްގައި ވަނީ، މޯލްޑިވް ގޭސްއިން އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ ގެއްލުމަކީ ސަރުކާރު ކުންފުންޏެއް މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ.

އެއާއެކު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދަށާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދަށް ބިރުދެއްކުން ދޭހަވާ ފަދަ ގޮތަކަށް ޕޯސްޓެއް ކުރައްވާފައިވާ ކަމަށް، ޝާކިރުގެ ސިޓީގައި ތުހުމަތު ކުރައްވާފައިވެ އެވެ.

އެހެންވެ، އެ މައްސަލަ ވެސް ކަމާ ބެހޭ ރައްޔިތުންގެ މަޖިލީހުން ބެލުމަށް، އެ ސިޓީގައި ދަންނަވާފައިވެ އެވެ.

ފާހަގަކުރެވޭ ގޮތުގައި މިމަހުގެ ފަސްވަނަ ދުވަހު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ޒިޔާދު ވަނީ، އަބްދުﷲ ޖުވާކުޅުނު ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އޭނާ ވަނީ ގަނޫނުލް އުގޫބާތަށް ގެންނަ އިސްލާހު ފާސްވެއްޖެ ނަމަ އަބްދުﷲ އަށް ކުރާ ތުހުމަތުތައް ބަލާނެތޯ އާއި އެ މައްސަލަ ބެލޭނެތޯ ވެސް ސުވާލު ކުރައްވައިފަ އެވެ.

އެހެން ނަމަވެސް ޒިޔާދުގެ މި ތުހުމަތުތައް އަބްދުﷲ ދޮގުކުރައްވައި ވިދާޅުވީ، ޖުވާ ކުޅުމާއި ބެޓުކުރުން ފަދަ އެއްވެސް ހަރަކާތެއްގައި އޭނާ ބައިވެރިވެވަޑައިގެންފައެއް ނޯންނާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި މޯލްޑިވް ގޭސްގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ވެސް ފުލުހުން ތަހުގީގުކުރަން ފެށި އެވެ.

މޯލްޑިވް ގޭސްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެވެ. އެ ކުންފުންޏަށް މީގެ ކުރިން ވެސް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވެ އެވެ. އެގޮތުން، މިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް އެ ކުންފުނީގެ ވެރިންނަށް ތިއްބެވި ބޭފުޅުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފެންމަތިވުމާ އެކު އެކަން ބަލަން ފެށި އެވެ.