އީރާނަށް ހަމަލާއެއް ނުދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވިސްނައިދިނުމަށް ސައުދީ އަރަބިއްޔާ، ގަތަރު އަދި އޮމާން އިސްވެ މަސައްކަތްކޮށްފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ އިސް އޮފިޝަލަކާ ހަވާލާދީ ބުނެފި އެވެ.
ސައުދީގެ ރިޔާދުން އާންމުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ އެމެރިކާގެ ރައީސް ޓްރަމްޕް އިރާނަށް ހަމަލަދޭން ތައްޔާރުވެފައި ވަނިކޮށް އެކަން ހުއްޓުވީ ސައުދީ އަރަބިއްޔާ، ގަތަރު އަދި އޮމާން އިސްވެ އޮވެގެން ކަމަށް ބުނެފައިވާއިރު، އެކަން އެގޮތަށް ކޮށްފައި ވަނީ އެއީ "ސަރަހައްދަށް އަތުވެދާނެ ބޮޑު ހަމަނުޖެހުމަކާއި ނުރައްކާތެރި ކަމަކަށް ބަލާފައި އެކަމުގެ ބިރު އޮތުމުން ކަމަށް ސައުދީގެ އިސް އޮފިޝަލަކާއި ހަވާލާދީ އޭއެފްޕީ އިން ބުނެފައިވެ އެވެ.
ނަން ހާމަނުކުރުމަށް އެދި ސައުދީގެ އެ އޮފިޝަލް އޭއެފްޕީ އަށް ވިދާޅުވީ، ގަލްފުގެ ތިން ގައުމުން އީރާނުގެ ހެޔޮ ނިޔަތް ދެއްކުމަށް ފުރުސަތެއް ދިނުމަށް ރައީސް ޓްރަމްޕަށް ވިސްނައިދިނުމަށް އެންމެ ފަހު ވަގުތު ވަރަށް ބޮޑު ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އަދިވެސް މަޝްވަރާތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.
އީރާނުން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހިންގާ ހަރަކާތްތަކާ ގުޅިގެން އެމެރިކާއިން ހަމަލާއެއް ދީފާނެ ކަމުގެ ބިރު ބޮޑުވުމާއެކު، ޖެނުއަރީ 14 ގައި ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކުން ބައެއް ސިފައިން ބަދަލުކޮށްފައިވާއިރު، ސައުދީ އަރަބިއްޔާ އާއި ކުވެއިތުގައި ތިބި އެމެރިކާގެ މިޝަންތަކުގެ ސިފައިން ސަމާލުވުމަށް ވަނީ އަންގާފަ އެވެ.
އީރާނު ސަރުކާރުން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހިންގާ ލޭ އޮހޮރުވުން ބޮޑު ހަރަކާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން ތަކުރާރުކޮށް ދެމުންދާއިރު، ތެހެރާނުން ބުނެފައި ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އުޅަނދުފަހަރަށް ހަމަލާދީ ބަދަލުހިފާނެ ކަމަށެވެ. އެމެރިކާގެ ގިނަ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތައް ހުންނަނީ ގަލްފު ސަރަހައްދުގަ އެވެ.
ނަމަވެސް، އެތައް އިންޒާރުތަކަކަށްފަހު ޓްރަމްޕް ވަނީ އޭނާގެ ނިންމުން ބަދަލުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އީރާނުން މުޒާހަރާގެ ބައިވެރިން މަރާނުލާނެ ކަމުގެ ޔަގީންކަން ވަރަށް މުހިންމު މަސްދަރުތަކަކުން ލިބިފައިވާ ކަމަށެވެ.
ސައުދީ އޮފިޝަލް ވިދާޅުވީ ގަލްފުގެ ގައުމުތަކުގެ މަސައްކަތުގެ މަގްސަދަކީ ސަރަހައްދުގައި ކޮންޓްރޯލުން ނެއްޓިފައިވާ ހާލަތެއް އުފެދުމުން ސަލާމަތްވުން ކަމަށެވެ.
"އަޅުގަނޑުމެން ވޮޝިންޓަނަށް ދެންނެވިން އީރާނަށް ހަމަލާދިނުމަކީ ސަރަހައްދަށް ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް،" އޮފިޝަލް އިތުރަށް ވިދާޅުވި އެވެ. "އެއީ ސަރަހައްދުގައި އިތުރު ހަމަނުޖެހުންތައް ހުއްޓުވުމަށް ނިދި ނަގައިލި ރެއެއް... ލިބިފައިވާ އިތުބާރާއި މިހާރު އޮތް ހެޔޮ ރޫހު ދެމެހެއްޓުމަށް ވާހަކަދެއްކުމުގެ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށް."
ގަލްފުގެ އެހެން އޮފިޝަލަކު ވިދާޅުވީ އީރާނަށް ފޮނުވި މެސެޖަކީ ގަލްފުގައި ހުރި އެމެރިކާގެ ތަންތަނަށް ހަމަލާދީފިނަމަ، އެކަމުގެ ސަބަބުން ސަރަހައްދުގެ ގައުމުތަކާއެކު އޮތް ގުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމުގެ މެސެޖު ކަމަށެވެ.
އެކި މީޑިއާތަކަށް 27.29 މިލިއަން ރުފިޔާ ބަހައިފި
ޕާޓީގެ ރައީސް ހޮވަން ވޯޓު ފޮށި ނުބެހެއްޓޭނެ: އަދާލަތު