އިދިކޮޅު މައި ސިޔާސީ ޕާޓީ، އެމްޑީޕީން އިއްޔެ ބޭއްވި އެތެރޭގެ އިންތިޚާބަކީ އެ ޕާޓީގެ 20 އަހަރުގެ ދިގު ތާރީޚުގައި ވެސް އެންމެ ރަނގަޅަށް ކަންކަން ދިޔަ އެތެރޭގެ އެއް އިންތިޚާބު ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ ރޭ ވިދާޅުވެއްޖެ އެވެ.

އެޕްރީލް ހަތަރެއްގައި އޮންނަ ލޯކަލް ކައުންސިލަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައަޅަން އިއްޔެ އޮތް ވޯޓުގެ ނަތީޖާތައް މިހާރު ވަނީ ގުނައި ނިމިފަ އެވެ. ގިނަ ދާއިރާތަކަކުން ވަގުތީ ނަތީޖާ ވެސް ވަނީ އިއުލާން ކޮށްފަ އެވެ.

އެއާއެކު މި އިންތިޚާބުގެ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ މިއީ ވަރަށް އަމާން އަދި އޮމާންކޮށް ކުރިއަށް ދިއަ އިންތިޚާބެއް ކަމަށެވެ. އަދި މިއީ އެމްޑީޕީގެ ތާރީޚުގައި ވެސް އެންމެ ރަނގަޅަށް ކަންކަން އިންތިޒާމުވެ، އަދި އިންތިޚާބުގެ ތެރޭގައި ވެސް ކަންކަން އެންމެ ރަނގަޅަށް ހިނގި އެއް އިންތިޚާބު ކަމަށް އޭނާ ވިދާޅުވި އެވެ.

ޣަފޫރު ވަނީ މި އިންތިޚާބު އޮމާންކަމާއެކު ނިންމައިލެވުނީތީ ކެންޑިޑޭޓުންނަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯދަން އެ ޕާޓީން ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަ ކަމަށާއި މިހާރު ވެސް ފެންނަން އޮތީ ރަނގަޅު މަންޒަރެއް ކަމަށާއި، ރަނގަޅު ކާމިޔާބެއް ހޯދޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަަމަށެވެ.

ހުކުރު ދުވަހުގެ ޕްރައިމަރީގައި އެންމެ ބޮޑު ވާދަވެރި ކަމެއް އޮތީ މާލޭގެ މޭޔަރުކަމުގެ ޓިކެޓަށެވެ. އެއްކޮޅުން ވާދަކުރެއްވީ އާދަމް އާޒިމެވެ. އަނެއްކޮޅުން ވާދަކުރެއްވީ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ އާޒިމެވެ. އަލީ އާޒިމް އާއި ވާދަކޮށް ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކުރެއްވީ އާދަމް އާޒިމެވެ.