ދިވެހި ބަހުން ލިޔާއިރު ބައެއް އަކުރުތަކުގައި ތިކި ޖަހަން ޖެހެ އެވެ. އެ އަކުރުތަކަށް ކިޔަނީ ތިކި ޖެހި ތާނަ އެވެ. ތިކި ޖެހި ތާނަ އުފަން ކުރީ ތާނައިން ލިޔާއިރު ބޭނުން ކުރަން ޖެހޭ ބައެއް ބަސް ބަސް އަރަބި ބަހުން ލިއުމުގެ ބަދަލުގައި އެ އަކުރުތައް ތާނައިން ލިއުމުގެ ބޭނުމުގައި ކަމަށް ބުނުމަކީ މުޅިން ގޯސް ބުނުމެއް ކަމަށް ނުވާނެ އެވެ.
އަކުރުތަކުގައި ތިކި ޖަހައިގެން ބޭނުން ކުރަން ފެށުމުގެ ކުރިން ލިޔާ ދިވެހި ލިޔުންތަކުގެ ބޮޑު ބައެއް އަރަބި އަކުރުން ލިޔަން ޖެހެ އެވެ. މީސް މީހުންގެ ނަން ނަމާއި އެނޫން ވެސް، ބޭރު ބަސްބަހުން ބަހަށް ވަދެފައި ހުންނަ ބަސް ބަސް ލިޔަނީ އަރަބި އަކުރުންނެވެ. ތިކި ޖެހި ތާނަ އުފަން ވުމާއެކު މަޑު މަޑުން އެކަން ހުއްޓި، ދިވެހި ބަހުން ލިޔާ ހުރިހާ ލިއުމެއް ވެސް ތާނައިން ލިޔެވެން ފަށައިފި އެވެ. ﷲގެ އިސްމުފުޅު ފިޔަވަ އެވެ. އެ އިސްމުފުޅު ތާނައިން ލިޔާ ގޮތަށް ނިންމާކަށް އެ މަސައްކަތް ކުރެއްވި ބޭފުޅުންނަށް ފެނިވަޑައި ނުގެންނެވި އެވެ.
ދިވެހި ބަހުން ލިޔާ ހުރިހާ ލިޔުމެއް ތާނައިން ލިޔަން ފެށުމާއެކު އޭރުގެ ލިޔުންތެރިންނަށް އެ އަކުރުތައް ތާނައިން ލިޔުން މާބޮޑު މައްސަލައަކަށް ނުވި އެވެ. ސަބަބަކީ އަރަބި އަކުރު ލިޔަން އާދަވެފައި ހުރުމާއެކު ކޮންމެ ބަހެއް އިވުމުން ވެސް އޭގެ އަރަބި އަކުރުތައް ހުންނާނެ ގޮތާއި އެ އަކުރުތަކުގެ ބަދަލުގައި ތާނައިން ބޭނުން ކުރާނެ އަކުރުތައް އޭރުގެ މީހުންނަށް ފަސޭހައިން ދަނެގަނެވޭ ގޮތް ވުމެވެ. އެހެން ނަމަވެސް ދުވަސްތައް ފާއިތުވި ވަރަކަށް ދިވެހި ބަހުން ލިޔާ އަރަބި ބަސްތައް ލިޔުމުގައި ކުށް ލިޔެވޭ މިންވަރު އައީ އިތުރު ވަމުންނެވެ. މިއަދުގެ ހާލަތަށް ބަލާއިރު މީހެއްގެ ނަން ވެސް ދެ ލިޔުމެއްގައި އެއްގޮތަކަށް ނުލިޔެވޭ ފެންވަރަށް ހާލަތު ވަނީ ދަށް ވެފަ އެވެ. ތިކި ޖެހި ތާނައިން ރަނގަޅަށް ލިޔަން ނޭނގުމުގެ ސަބަބުން ބައެއް މީހުން ވަކާލާތު ކުރަނީ ތިކި ޖެހި ތާނަ އުވާ ލުމަށެވެ. އެކަމަކު އެއީ ވެސް އެހާ ފަސޭހަ ކަމެއް ނޫނެވެ. ސުވާލަކީ މިއަދުގެ ހާލަތުން އަރައިގަނެވޭނީ ކިހިނެއް ހެއްޔެވެ؟
ތާނަ ލިއުމުގައި ނުބައި ކޮށް ތިކި ޖެހެން މެދުވެރިވާ ގިނަ ސަބަބު ތަކެއް އެބަހުއްޓެވެ. އެ ސަބަބު ތަކަކީ އެސަބަބު ތައް ހޯދައި ފިޔަވަޅު އެޅިއްޖެ ނަމަ ދިމާވެގެން އުޅޭ މައްސަލަ އެއްކޮށް ހައްލު ކުރެވިދާ ފަދަ ސަބަބުތަކެކެވެ. އެފަދަ ގިނަ ސަބަބު ތަކެއް ހުރި ކަމުގައި ވިޔަސް މި ލިޔުމުގައި އޭގެ ތެރެއިން އެންމެ މުހިންމު ކަމަށް ފާހަގަ ކޮށްލެވޭ ދެ ސަބަބަކަށް އަލި އަޅުވާލާނަމެވެ.
1. ބަސް އޮންނަ ގޮތް ނޭނގުން
ސޯޝަލް މީޑިއާގައި ދާދި ފަހުން ދައުރު ވަމުން ދިޔަ ދީނީ ޕޯސްޓެކެވެ. ލިޔެފައި އޮތީ "އިސްތިޢުފާރު" މިފަދައިންނެވެ. ޒަމާނުއްސުރެ އެ ބަސް ލިޔެފައި އޮންނަ ތަން ފެންނަނީ ވެސް، ކިޔައި އުޅެނީ ވެސް އިސްތިޣުފާރު މި ގޮތަށެވެ. އެހެންކަމުން އެ ބަސް ލިޔެފައި އޮތް ގޮތާ މެދު ޝައްކު އުފެދުނެވެ. އިތުރަށް ބަލާލިއިރު އަރަބި ބަހުން ލިޔެފައި އޮންނަނީ ޣައިނެކެވެ. ވީމާ ދިވެހި ބަހުން ލިޔާއިރު ލިޔަން ޖެހޭނީ އިސްތިޣުފާރު މި ފަދައިންނެވެ. ބަސް ލިޔުނު މީހަކީ ކިތަންމެ މޮޅު ދީނީ އިލްމުވެރިއެއް ކަމަށް ވިޔަސް ބަސް ލިޔަންވީ ގޮތް އެއޮތީ އޮޅިފަ އެވެ. ކުށް ލިޔެވުނީ ނޭނގި އެވެ.
އެހެން މިސާލެކެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ވިދާޅުވި އެވެ. ލިޔުންތައް މިހާރު އޮންނާނީ "ޝާއިރު" ކޮށްފަ އެވެ. އަޑު އިވުނީ ރަނގަޅަށްތޯ ބަލަން ދެތިން ފަހަރަކު ވެސް އަޑު އަހާލީމެވެ. މިނިސްޓަރު ވިދާޅުވީ ޝާއިރު ކުރެއްވި ވާހަކަ އެވެ. އެއްފަހަރަކު ނޫނެވެ ދެތިން ފަހަރަކު ވެސް ވިދާޅުވި އެވެ. ހަމަ ވިދާޅުވީ އެއް ގޮތަކަށެވެ. ނުބައިކޮށެވެ. ލިޔުންތައް ޝާއިޢު ކުރަނީ އެވެ. އެހެން ކަމުން މިނިސްޓަރަށް ވެސް އެ ބަސް އޮންނަ ގޮތް އެނގިވަޑައި ނުގަންނަވަނީ އެވެ. ނުބައިކޮށް ވިދާޅު ވެވުނީ އެހެންވެ އެވެ.
2. ތިކި ޖަހަންވީ ގޮތް ކަނޑަނޭޅުން
ތިކި ޖެހި ތާނަ އުފަންވުމާ އެކު ނުކުތް އެންމެ ދަތި އުނދަގޫ މައްސަލައަކަށް ދިމާވީ ތިކި ޖަހާނެ ބަސް ބަހާއި ތިކި ނުޖަހާނެ ބަސް ބަސް ވަކިކޮށް ދެނެގަތުމެވެ. ދުނިޔޭގެ އެހެން ހުރިހާ ބަސް ބަހެކޭ އެއްފަދައިން ދިވެހި ބަހަކީ ވެސް އެތައް ބަހަކާ މައްސުނިވެ، ލާ މެހިފައިވާ ބަހެކެވެ. ބޭރު އެތައް ބަހަކުން ބަހަށް ވަދެ ދިވެހިވެފައިވާ ބަސް ބަސް ދިވެހި ބަހުގައި މަދެއް ނުވާނެ އެވެ. އޭގެ ތެރޭގައި އަރަބި ބަހުން ވަދެ ޒާމާންތަކެއް ވުމުގެ ސަބަބުން ދިވެހި ބަހާ އެކުވެ، ބަހުގެ އަޑުތަކަށް ހޭނިފައި ހުރި ބަސް ބަސް ގިނަ އެވެ.
ތިކި ޖެހި ތާނަ ލިޔަން ފެށުމާއެކު އަރަބި ބަސް ދެނެވަޑައިގަންނަވާ ބައެއް ބޭބޭފުޅުން އަރަބި ބަހުން ދިވެހި ބަހަށް ވަދެފައި ހުރި ބަސް ބަސް ތިކި ޖަހައިގެން ލިޔަން ފެށި އެވެ. މިސާލަކަށް ޤަލަމް، ޢަމަލް، ޙިއްޞާ ފަދަ ބަސްބަހުގައި ތިކި ޖަހައިގެން ލިޔަން ފެށި އެވެ. އެކަމާ އެއްބަޔަކު ހިތްހަމަނުޖެހުނެވެ. އެ މީހުންގެ ނަޒަރުގައި ދިވެހި ބަހަށް ވަދެ، ދިވެހި އަޑުތަކަށް ފެތިފައި ހުރި ބަސް ބަސް ލިޔާއިރު ތިކި ޖަހާކަށް ނުޖެހޭނެ އެވެ. މިސާލަކީ ޙާލަތުގެ ބަދަލުގައި ހާލަތު ލިޔުމެވެ. ޤާނޫންގެ ބަދަލުގައި ގާނޫނު ލިޔުމެވެ. އެ މައްސަލަ އަދިވެސް އޮތީ ހައްލު ނުވެ އެވެ.
ހައްލަކީ ކޮބާ؟
ޒަމާނުއްސުރެ ބަލައިގަނެވިފައި އޮންނަ ހަމައަކީ ދިވެހި ބަހަކީ އަޑުއަހައިގެން ލިޔަން މައްސަލައެއް ނެތް ބަހެއްގެ ގޮތުގަ އެވެ. އަކުރާއި ފިލި ދަސްކުރުމުން ކޮންމެ އެއްޗެއް ވެސް ލިޔަން އެނގޭނެ ކަމަށް ބެލެވިފައި އޮތެވެ. ނަމަވެސް ޒަމާން މި ވަނީ ބަދަލު ވެފަ އެވެ. މިއަދު ދިވެހި ބަހަކީ ވެސް އެހާ ފަސޭހައިން ލިޔެ ކިޔަން އެނގޭނެ ބަހެއްގެ ގޮތުގައި ބެލެވޭކަށް ނެތެވެ. އިނގިރޭސި ބަސް ފަދަ ބަސް ބަސް ކިޔަވައިދޭ ގޮތަށް ހުރިހާ ބަހެއް ނޫން ނަމަވެސް އޮޅުން އަރާ ބަސްތައް ރަނގަޅަށް ދަސްކޮށްދޭން ޖެހެ އެވެ. އެއީ ސްކޫލުގައި ކުރަން ޖެހޭ ކަމެކެވެ. އެންމެ ޅަފަތުގަ އެވެ. އިނގިރޭސިން ބަހުގެ ސްޕެލިން ދަސްކުރާ ފަދައިން ދިވެހި ބަހުގެ ތިކި ޖަހަން ޖެހޭ ބަސް ބަސް އޮންނަ ގޮތް ރަނގަޅަށް ދަސްކޮށްދިނުމަކީ އެންމެ ދަށް ކްލާސްތަކުން ފަށައިގެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ހަދަން ޖެހެ އެވެ.
އެގޮތަށް ކުދިންނަށް ބަސް ދަސް ކޮށްދޭން ފެށުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ މުހިންމު ކަމެއް ވެސް އެބައޮތެވެ. އެއީ ތިކި ޖަހަން ޖެހޭ ބަސް ބަހާއި ޖަހަން ނުޖެހޭ ބަސް ބަސް ކަނޑައެޅުމެވެ. އެއީ ލިޔާ މީހަކު ހިތުހުރި ގޮތަކަށް ލިޔަން ދޫކޮށްލާ ކަމެއްގެ ގޮތުގައި އޮވެގެން ނުވާނެ އެވެ. މިސާލަކީ ލިޔާނީ ޤަލަމް ތޯ ނުވަތަ ގަލަން ތޯ ކަނޑައެޅުމެވެ. ކަމާ ބެހޭ ފަރާތްތަކުން ތިކި ޖަހަން ވާ ބަސް ކަނޑައެޅުމަށް ފަހު އެ ބަސް ބަސް ސްކޫލުގެ ކަރިކިއުލަމަށް ލައި، އެންމެ ޅަފަތުން ފެށިގެން ދަސްކޮށް ދެވިއްޖެ ނަމަ ތިކި ޖެހި ތާނައިގެ މައްސަލަ ހައްލު ވާނެ އެވެ.
ޖަގަހަ ހުޅުވަން ވެސް ސަރުކާރު މުވައްޒަފުން ގެންދިޔަ!
ދިރާގު ރޯދަ ރެޑީ- ކޮންމެ ދުވަހަކު ހާއްސަ އިނާމުތަކެއް