މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ފްލެޓްތައް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް މިމަހުގެ ތެރޭގައި ފެށޭނޭކަމަށް ހައުންސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މުއްތަލިބް ވިދާޅުވީ، ފްލެޓްތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ބައެއް ތަންތަނުގެ މޮބަލައިޒޭޝަން މަސައްކަތް މިހިނގާ ޖެނުއަރީމަހުގެ ތެރޭގައި ފެށިގެންދާނޭކަމަށެވެ. އެންމެ އަވަހަށް މަސައްކަތްތައް ފެށިގެންދާ ތަންތަނުގެ ތެރޭގައި ހިމެނެނީ ބޭންކް އޮފް މޯލްޑިވްސްއިން އިމާރާތްކުރުމަށް ނިންމާފައިވާ ފްލެޓުތައް ކަމަށްވެސް މުއްތަލިބު ވިދާޅުވި އެވެ.
ސަރުކާރުން ވަނީ މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް އާ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓްތައް އަޅާނޭ ބިންތައް ހަވާލުކޮށްފަ އެވެ. ބީއެމްއެލް މެދުވެރިކޮށް 3،300 ޔުނިޓް އެޅުމަށް ނިންމާފައިވެ އެވެ. އެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރެވިފައިވާއިރު، މަސައްކަތް ކަނދައެޅިފައިވާ ތާވަލާއެއްގޮތަށް ކުރިއަށްދާނޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މި މަޝްރޫއުތަކަކީ ފައިސާ ހަމަޖެހިގެން ކުރިއަށްގެންދެވޭ މަޝްރޫއުތަކަކަށްވާއިރު، ފައިސާ ގޮތުން އެއްވެސް ކަހަލަ ދަތިކަމެއް ކުރިމަތި ނުވާނޭކަމަށާއި، ފައިސާ ހަރަދުކުރާނީ ބޭންކުންކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ނިންމާފައިވަނީ މި ދައުރު ނިމުމުގެ ކުރިން އިއުލާނުކުރި ތަންތަން ނިންމައި ހަވާލުކުރަން ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ބޯހިޔާވަހިކަމަށް އިސްކަންދޭނެކަމުގެ ވައުދާއެކު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ދެ އަހަރު ފުރިގެން ދިޔައިރު، ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ނުހިންގަވަ އެވެ. އަދި ނިމިދިޔަ 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމުގެ "ރަން" އަހަރު ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެ އަހަރުވެސް ބޯހިޔާވަހި ކަމުގެ އެއްވެސް ކަމެއް ސަރުކާރަށް ނުކުރެވޭކަން ގިނަ ބަޔަކު ފާހަގަކުރި އެވެ.
މިދިޔަ އާދިއްތަ ދުވަހު ސަރުކާރުން ހުޅުވާލި ސްކީމްގެ ދަށުން މާލޭގެ ރަށްވެހިންނަށް 10،000 ބިން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ބިން، މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ބިން އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުންނާއި އަދި އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާއި ލާޖައްސައިގެން ބަދަލުކުރާ ފަރާތްތަކަށް 1،500 ބިން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މާލޭ ރަށްވެހިންނަށް 4،000 ފްލެޓް ދެ އެވެ. އެކަމަކު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންނަށް ދެނީ 1،500 ފްލެޓެވެ. އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ޖުމްލަ 2،400 ފްލެޓް ދިނުމަށް ވަނީ ނިންމާފަ އެވެ.
ހައުސިން މިނިސްޓްރީން ބުނީ ބިމަށް އެޕްލައިކުރުމުގެ މުއްދަތު މާޗު 4، ގެ 23:59 އަށް ހަމަވާނެ ކަމަށެވެ. އަދި ފްލެޓަށް އެޕްލައިކުރުމުގެ މުއްދަތު ހަމަވާނީ އެޕްރީލް 17، ގެ 23:59 ގެ ނިޔަލަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ސްޓްރޯކެއް ޖެހި އަޒީބެއަށް ފަރުވާދެނީ
ސުނީތާގެ ތުހުމަތުތަކަށް ގޯވިންދާ ރައްދި ދީފި
ދިރާގު ރޯދަ ރެޑީ- ކޮންމެ ދުވަހަކު ހާއްސަ އިނާމުތަކެއް