ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް އިސްތިއުމާރުކޮށްގެން ތިބި އިނގިރޭސިން އެ އަތޮޅު މޮރިޝަސްއާ ހަވާލުކުރިޔަސް އެތަން ލިބުން އެންމެ ހައްގުކަން ބޮޑު ގައުމަކީ ދިވެހިރާއްޖެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އަނެއްކާވެސް އެފަދަ އިން ވިދާޅުވީ އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ އެކްސްޕްރެސް އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޯސް ދޫކޮށްލާތީ އެކަމާ ގުޅޭ ގޮތުން ރާއްޖޭން ދެކޭ ގޮތް ހާމަކޮށް ދިވެހި ސަރުކާރުން ވަނީ އިނގިރޭސިވިލާތައް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ވަނީ އިނގިރޭސިވިލާތުން މޮރިޝަސް އަށް ޗާގޯސް ދިނުމަށް ވުރެ ރާއްޖެއާ އެތަން ހަވާލުކުރުން މާ އައުލާކަން ބޮޑު ކަމަށެވެ.

ސަރުކާރުން 2024 ވަނަ އަހަރު ފޮނުވި މި ސިޓީއަށް އިނގިރޭސިވިލާތުގެ ސަރުކާރުން އިޖާބަދީފައެއްނުވެ އެވެ.

ރާއްޖެ އާއި ޗާގޯސްގެ ތާރީހީ ގުޅުންތަކުގެ ހެކީގެ ގޮތުގައި ދިވެހި ބަހުން ލިޔެފައިވާ މަހާނަގާ ޗާގޯސް އިން ފެނިފައިވުމާއި މޮރިޝަސް އަކީ ޗާގޯސްއާ 1،300 މޭލު ދުރުގައި އޮތް ތަނަކަށް ވާއިރު ރާއްޖެއާ ދެމެދު ހުރީ 310 މޭލު ކަމަށް ވެފައި ރާއްޖެއާ ހިލާފަށް މޮރިޝަސް އަކީ 17 ވަނަ ގަރުނާ ހަމަޔަށް ވެސް މީހުން ވަޒަންވެރިވެފައި އޮތް ތަނަކަށް ނުވުމުން ޗާގޯސްއާ ދިވެހިންގެ ގުޅުން މާކުރިން އުފެދިފައި އޮތްކަން ސާބިތުވާ ކަމަށް ރައީސްގެ ސިޓީގައިވެ އެވެ.

ނެދަލޭންޑްސް، ފްރާންސް އަދި އޭގެ ފަހުން އިނގިރޭސީންގެ އިސްތިއުމާރީ ބާރުތަކުން ޔޫރަޕާއި އެފްރިކާގެ މީހުން މޮރިޝަސްގައި ވަޒަންވެރިކުރުވީ 17 ވަނަ ގަރުނުގަ އެވެ. އެކަމަކު ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވިތާ 2،500 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ޗާގޯސް އިން ފެނިފައިވާ ދިވެހި ބަހުން ލިޔެފައިވާ މަހާނަގާތަކަށް 900 އަހަރު ވެފައިވާކަން އެނގެން އޮންނައިރު އެއީ މޮރިޝަސްގައި މީހުން ވަޒަންވެރިވުމުގެ ކުރި އެވެ. އަދި ރާއްޖޭގެ ކުރީގެ ރަސްކަލަކު ޗާގޯސްގެ މިލްކުވެރިކަމަށް ދައުވާކުރައްވާފައި އޮތުމާއި ރާއްޖޭގެ މަސްވެރިންނާއި ދަތުރުވެރިން ފޯޅަވައްސަށް ގޮސް އުޅޭ ވާހަކަ ލިޔެކިޔުންތަކުން ފެންނަން ހުރުން އެބަހުއްޓެވެ.