ރާއްޖޭގެ ގުދުރަތީ ރީތިކަން ބަލައިލަން އިންޑިއާގެ މަޝްހޫރު ބިލިޔަނަރު މުކޭޝް އަމްބާނީގެ ހަގު ފިރިހެން ދަރިފުޅު އާނަންތު އަމްބާނީ އާއި އޭނާގެ އަންހެނުން ރާދިކާ މާޗަންޓު ޗުއްޓީ ހޭދަކުރަން އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ އެވެ.
އަގުބޮޑު ކައިވެނީގެ ހަފްލާތަކާއެކު ގިނަ ބައެއްގެ ސަމާލުކަން ލިބުނު އާނަންތުގެ ދެމަފިރިންވަނީ 2024 ވަނަ އަހަރު ވެސް ރާއްޖެ އައިސްފަ އެވެ. އެފަހަރު އެމީހުން ޗުއްޓީ ހޭދަކުރީ ހދ. މަކުނުދޫ ފަޅުގައި އޮންނަ ސޮނެވާ ސީކްރެޓް ރިސޯޓުގަ އެވެ.
އަންނަތުގެ ޕްރައިވެޓް ޖެޓްގައި މިދިޔަ ހޮނިހިރު ދުވަހު އެ ދެމަފިރިން ރާއްޖެ އައިއިރު ސަލާމަތީ ކަންތައްތައް ބަލަހައްޓަން 50 އަށް ވުރެ ގިނަ މީހުން ގެނަ އެވެ. އަދި ރިސޯޓުގައި ދެ ސީޕްލޭން އަބަދުވެސް ސްޓޭންޑްބައިގައި ބާއްވާފައިވެ އެވެ. އޭގެ އިތުރުން އިންތިޒާމު ވެސް ހަމަޖައްސަން ރިލަޔަންސްގެ ހާއްސަ ޓީމެއް ވެސް އެ ރިސޯޓުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.
އަންނަތު ޗުއްޓީ ހޭދަކުރާ ރިސޯޓުން ލިބޭ މެހުމާންދާރީއާ މެދު އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައި ކަމަށްވެ އެވެ. އަދި އެ ރަށުގައި ހުންނައިރު ފެންނަ ގުދުރަތީ ރީތިކަމާމެދު އަންނަތު ވަރަށް ބޮޑަށް އާޝޯޚުވެފައިވާ ކަމަށް ވެ އެވެ.
އާނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓު މިފަހަރު ޗުއްޓީ ހޭދަކުރަނީ ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓު ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ ޕްރައިވެޓް އައިލެންޑްގަ އެވެ. މި ރަށަކީ ރާއްޖޭގެ އަންނަ އެންމެ ބޮޑެތި މުއްސަނދިން ޗުއްޓީ ހޭދަކުރާ ތަނެވެ. މި ރިސޯޓުގައި ޗުއްޓީ ހޭދަކުރި މަޝްހޫރު މީހުންގެ ތެރޭގައި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު ބިން ހަލީފާ އަލް ސާނީ އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަދި ޓުވިޓާގެ ކުރީގެ ވެރިޔާ ޖެކް ޑޯސޭ އާއި ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީން ހިމެނެ އެވެ. އޭގެ އިތުރުން މިފަހަރުގެ އާ އަހަރާ ދިމާކޮށް އަނަންތުގެ ބައްޕަ މުކޭޝް އާއި އާއިލާ ރާއްޖެ އައިސްފައިވެ އެވެ.
އަންނަތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ހަބަރު އިންޑިއާގެ ވަރަށް ގިނަ ނޫސްތަކުގައި ވެސް މިހާރު ވަނީ ގެނެސްދީފަ އެވެ.
އާނަންތު އާއި ރާދިކާ ކައިވެނި ކުރީ 2024 ވަނަ އަހަރުގެ ޖުލައި މަހު އެވެ. އެ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޭއްވި ކައިވެންޏާ ގުޅޭ އެކި ހަފުލާތަކަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ހަރަދުކުރިކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
އާނަންތުގެ ބައްޕަ މަޝްހޫރު ބިލިޔަނަރު މުކޭޝް އަމްބާނީއަކީ، ދުނިޔޭގެ 18 ވަނައަށް އެންމެ މުއްސަނދި މީހާގެ އިތުރުން، އޭޝިޔާގެ އެންމެ މުއްސަނދި މީހާ އެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 92.5 ބިލިޔަން ޑޮލަރަށް އަރަ އެވެ.
ހިރުގަނޑުގެ ދުޅަހެޔޮކަމަށް ސަމާލުވާން ޖެހެނީ މިހެންވެ!
"ބޯޑު އޮފް ޕީސް" އދ ރިޕްލޭސްކޮށްފާނެ: ޓްރަމްޕް
ދުވާލު ކުޑަ ވަގުތު ކޮޅަކަށް ނިދާލުމުގެ ގިނަ ފައިދާތަކެއް!