އެމްޕީއެލްގައި ޑިއުޓީއަށް ހުރި މުވައްޒަފަކު ފިޓް ޖެހިގެން، ދެ ޓަގު ބޯޓު ދޭތެރެއަށް ވެއްޓި މިއަދު މަރުވެއްޖެ އެވެ.

މާލޭގެ ވިޔަފާރި ބަނދަރުގައި ސަލާމަތީ ފިޔަވަޅުތައް ދޯދިޔާވުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން ނުރައްކާތެރި ހާދިސާތައް ހިނގައި އެތައް މުވައްޒަފުން ބޮޑެތި އަނިޔާތައް ލިބި ބައެއް މީހުންގެ ފުރާނަ ގެއްލިފައިވެ އެވެ. މިގޮތުން މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ކުރީކޮޅު މާލޭގެ އެމްޕީއެލްއާ ދިމާލުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހަ މީހަކަށް އަނިޔާވެ އެކަކު މަރުވެފައިވެ އެވެ.

އެމްޕީއެލްއިން ބުނީ އެ މުވައްޒަފު ޓަގު ބޯޓުތަކުގެ ދެމެދަށް ވެއްޓުނީ ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން ކަމަށެވެ. އަދި އޭނާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށް އެ ކުންފުނިން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވެ އެވެ.

މި ހާދިސާގައި މަރުވެފައިވަނީ ގއ. ދެއްވަދޫ، ދެކުނުގެ އަމީން އަބްދުލް ހަމީދު ކިޔާ 30 އ. އެވެ

ޑިއުޓީގައި ހުއްޓާ ފިޓުޖެހި، އަމީން ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށެވެ. މި ހާދިސާ ހިނގުމާއެކު، މި އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އެމެރަޖެންސީ ރެސްޕޮންސް ޓީމުން ވަނީ ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެ، އެމްބިއުލަންސްގައި އަމީން އައި.ޖީ.އެމް.އެޗް އަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަމީން ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެމްޕީއެލް އިން ބުނީ 2020 ގައި އެމްޕީއެލްއާ ގުޅުނު އަމީން މަސައްކަތް ކުރަމުން ދިޔައީ އެމްޕީއެލްގެ ފްލީޓް ސާވިސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއާ ޑެކް ހޭންޑެއްގެ މަގާމުގަ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ އެމްޕީއެލް ބަނދަރުގައި އޮތް ދެ ޓަގްބޯޓު ދޭތެރެއަށް އެ ކުންފުނީގެ މުވައްޒަފަކު ވެއްޓި އަނިޔާވެފައިވާ ކަމުގެ ރިޕޯޓް މިއަދު ހެނދުނު 10:46 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.