ރައީސް މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ ކަންކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި ހަބަރުތައް ޝާއިއުކުރަމުންގެންދާ އަދަދު ނޫހުން ޝާއިއުކުރި ސިޔާސީ ކާޓޫނެއް ނަގަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެންގި އެންގުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމުގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
"އަދަދު" ނޫހުގެ ސިޔާސީ ކާޓުން ސެގްމަންޓު ހުއްޓާލަން މީޑިއާތައް ކޮންޓްރޯލް ކުރަން މި ސަރުކާރުން އުފެއްދި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އިންޒާރު ދިނީ އިއްޔެ އެވެ. ސިޔާސީ ކާޓޫނު އެ ކޮންޓެންޓް އެ ނޫހުން ސޯޝަލް މީޑިއާގައި ޝާއިރުކުރީ އިއްޔެ ހެނދުނު އެވެ.
އެ ކޮމިޝަނުން "އަދަދު" ނޫހުގެ އެޑިޓަރު ހުސައިން ފިޔާޒު މޫސާއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ "އަދަދު" ނޫހުގެ އެ ސެގްމަންޓުގައި އިސްލާމްދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ކަމަށްވާ ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތް ގުޅުވޭހެން ދޭހަވާ ގޮތަށް ޝާއިއުކޮށްފައިވާ ކޮންޓެންޓަކީ އިސްލާމްދީނުގެ އަސާސްތަކަށް ފުށޫއަރާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
މީޑިއާ ކޮމިޝަނުން ބަލަމުންގެންދާ އެ މައްސަލަ ނިމެންދެން އެ ސެގްމަންޓުގައި ހިމެނޭ ޕޯސްޓު ނަގައި، ސެގްމަންޓުގެ ހިދުމަތް ވަގުތީ ގޮތުން މިހާރުން މިހާރަށް މެދުކަނޑާލުމަށް ވަނީ އެދިފަ އެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިންތި ސުވާލު ކުރެއްވީ، ވައްކަން ކުރުން އާންމުވެފައިވާ މިންވަރު ބުނެދޭ ކާޓޫނެއް ޝާއިއުކުރުމުން އެ ނަގަން އެންގޭނެ އެއްވެސް ގާނޫނީ ހަމައެއް އޮވެދާނެތޯ އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ މިނިވަން މީޑިއާ ނެތިކޮށްލުމަށް ފާސްކުރި ގާނޫނުގެ ދަށުން އުފެއްދި "ކޮންޓްރޯލް ކޮމިޝަނުން" ނޫސްވެރިކަމަށް އަރައިގަތުމެކެވެ.
މީޑަިއާ ކޮމީޝަނުގެ މި އެންގުމާ ގުޅިގެން "އަދަދު" ނޫހުން ވަނީ ކޮމިޝަނަށް ޖަވާބުދާރީ ވެސް ވެފަ އެވެ. އެ ނޫހުން އެދިފައިވަނީ، އެ ކާޓޫނަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްޗެއް ކަމަށް 'ތުހުމަތު ކުރެވި' އެގޮތަށް ނިންމި ގާނޫނީ ސަބަބުތައް ސާފުކޮށްދިނުމަށެވެ. އަދި ކޮންޓެންޓު ނެގުމާ މެދު ގޮތެއް ނިންމާނީ އެ ސަބަބުތައް ސާފުވުމުން ކަމަށްވެސް އެ ނޫހުން ބުނެފައިވެ އެވެ. މިއީ އާ ގާނޫނުގެ ދަށުން ނޫހެއްގެ ކޮންޓެންޓެއް ނަގަން ކޮމިޝަނުން އެންގި ފުރަތަމަ ފަހަރެވެ.
'އަދަދު' ނޫހުގެ ފޭސްބުކް ޕޭޖާއި އެކްސް އެކައުންޓުގައި ޝާއިޢުކުރި 'ސިޔާސީ ކާޓޫނު' ނެގުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި އަމުރު، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފަ އެވެ.
ޣައްޒާ އާރާސްތުކުރާނެ ގޮތުގެ ޕްލޭން އެމެރިކާއިން ހުށަހަޅައި
ލުއިކާނާއާ ދުރު ވެވިދާނެ ފަސޭހަ ދެތިން ގޮތެއް!
ސްޕޯޓްސް އެވޯޑް ހަފުލާ އަންނަ މަހު ބާއްވަނީ