ފައިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރި ސާމްޕަލްތަކުން އިތުރު 328 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 167 މީހަކު ޕޮޒިޓިވްވިއިރު، 127 މީހަކު ވަނީ އަތޮޅު ތެރެއިން ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓްތަކުން 10 މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށަކުން 24 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 328 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 28،202 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 3،701 ގައި މިހާރު ހުރިއިރު 24،421 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 126 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 71 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑް ކޭސްތައް ފެނި މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކަކީ އއ. ބޮޑުފޮޅުދޫ، އއ. މަތިވެރި، އދ. މަހިބަދޫ، އދ. މާމިގިލި، ބ. އޭދަފުށި، ހދ. ހަނިމާދޫ، ކ. ހިންމަފުށި، ކ. މާފުށި، ކ. ހުރާ، ކ. ތުލުސްދޫ، ކ. ގުޅި، ޅ. ނައިފަރު، ޅ. ފެލިވަރު، ށ. ޅައިމަގު، ތ. ކިނބިދޫ، ތ. ތިމަރަފުށި، ތ. ވޭމަންޑޫ، ތ. އޮމަދޫ، ތ. ވިލުފުށި، ތ. ގާދިއްފުށި، ލ. މާންދޫގެ އިތުރުން ގދ. ތިނަދު އެވެ.