ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން، މިއަހަރުގެ ތެރޭގައި ކޮންޓެއިނާ ސްކޭނަރެއް ގެނެސް އޮޕަރޭޝަނަށް ނެރުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވި އެންމެ މުހިންމު ނިންމެވުމަކީ މި މަސައްކަތް ކުރާ ހުރިހާ އިދާރާއެއް އެއް ވުޒާރާއެއްގެ ދަށަށް ގެނައުން ކަމަށެވެ. އަދި މި ބަދަލާއެކު، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި އެތަކެއްޗަށް އޮތް ޑިމާންޑު ކުޑަކުރުމުގެ މަސައްކަތްތައް އަންނަނީ ހަރުދަނާ ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ މީގެ ކުރިން ވައިގެ މަގުން އެތެރެކުރާ ޕެކޭޖުތައް ރެންޑަމްކޮށް ސްކޭން ކުރި ނަމަވެސް، މިހާރު ހުރިހާ ޕެކޭޖެއް ގަވައިދުން ބަރާބަރަށް ސްކޭން ކުރަމުންދާ ކަމަށެވެ. އަދި ކަނޑުމަގުން ގެންނަ ތަކެތި ޗެކްކުރުމަށް މިއަހަރުގެ ތެރޭގައި ކޮންޓެއިނާ ސްކޭނަރެއް ބޭނުންކުރަން ފެށުމަށް ނިންމާފައިވާ ކަމަށާއި އެ ސްކޭނަރު ބޭނުން ކުރަން ފެށުމުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކުރި މަސައްކަތުން 2.3 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
"މިދިޔަ ދެ އަހަރު އެއްކޮށްލައިގެން ގާތްގަނޑަކަށް 1.3 ޓަނުގެ މަސްތުވާތަކެތި އަޅުގަނޑުމެން ވަނީ އަތުލައިގެންފައި. މިއީ ރަލާއި ބިޔަރާ ހިމެނޭ ހެން 2.3 ބިލިޔަން ދިވެހި ރުފިޔާގެ މަގުމަތީ އަގު،" މިނިސްޓަރު ވިދާޅުވި އެވެ.
މިއީ ކުރީގެ ތިން ދައުރުގެ ފުރަތަމަ ދެ އަހަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ފުލުހުން ކުރިއަށްގެންދާ އަލިމަގު އޮޕަރޭޝަނަށް އަލި އަޅުއްވާލައްވައި އިހުސާން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ހުއްޓުވުމަށް ފެށި އެ އޮޕަރޭޝަނު ގެ ދަށުން ގއ. ވިލިނގިލި، ފުވައްމުލައް އަދި އައްޑޫގައި މި ވިޔަފާރި ކުރާ ފަރާތްތައް ދެނެގަނެވިފައިވާ ކަމަށެވެ.
އިހުސާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖެއަށް މި އޮޕަރޭޝަން ފުޅާކުރާނެ ކަމަށާއި މަސްތުވާތަކެއްޗަށް ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކޮށް، މިއަހަރުގެ ތެރޭގައި އަމިއްލަ ފަރާތްތަކަށްވެސް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.
ރައީސް މުއިއްޒު ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރަނީ
މިއީ މޫނު ދޮވުމުގައި ސަމާލުވާންވީ ކަމެއް!