ރާއްޖެ އަށް އެތެރެކުރާ އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް އަދި އެހެނިހެން މުދާތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދިނުމަށްޓަކައި، ދައުލަތުގެ ޕޯޓު ކުންފުނި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ލޮޖިސްޓިކްސްގެ ހިދުމަތް ރަސްމީކޮށް އިއްޔެ ފަށައިފި އެވެ.

މި އަހަރުގެ މެރިން އެކްސްޕޯގެ ތެރެއިން "މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސް"ގެ ނަމުގައި މި ހިދުމަތް ރަސްމީކޮށް އިފުތިތާހު ކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ. މިއީ އެމްޕީއެލްގެ ވިޔަފާރި ފުޅާކޮށް، މުދާ އުފުލުމުގެ ދާއިރާއިން ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އެމްޕީއެލް އިން ބުނި ގޮތުގައި، މި ހިދުމަތުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ ގުދަންތަކާ ހަމައަށް އެއްވެސް ދަތިކަމެއް ނެތި ގެންގޮސްދިނުމެވެ. މީގެ އިތުރުން، ތާވަލް ކޮށްގެން ކުރާ ދަތުރުތަކާއި "ކޯލްޑް ޗެއިން ކެޕޭސިޓީ" އިތުރަށް ހަރުދަނާ ކުރުމަކީ ވެސް މި ހިދުމަތުގެ މުހިންމު މަގުސަދެއް ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.

"މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްއަކީ ރާއްޖެ އަށް އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ މުދަލުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ އުފުލުމާއި ގުދަން ކުރުމާއި އަދި މުދާ ފޯރުކޮށްދިނުމުގެ ހުރިހާ މަރުހަލާއެއް އެއް ވިއުގާއަކުން ގުޅާލުމަށް އެމްޕީއެލް އިން ފަރުމާ ކޮށްފައިވާ ހަރުދަނާ ނިޒާމެކެވެ،" އެމްޕީއެލް އިން ބުންޏެވެ.

މި އާ ނިޒާމުގެ ސަބަބުން ރާއްޖޭގައި މުދާ އުފުލުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ލިބި، ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް ލުއިފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެ އެވެ. މިއީ ވިޔަފާރިވެރިންނަށް މުދާ ގެންދިއުމުގައި ހިނގާ އިތުރު ހަރަދުތައް ކުޑަވެ، މުދާ އަވަހަށް ލިބޭނެ މަގެއް ކަމަށްވެސް އެމްޕީއެލްއިން ފާހަގަކުރެ އެވެ.

މި ހިދުމަތް ފެށުމާއެކު، ރާއްޖޭގެ ސަރަހައްދީ ބަނދަރުތަކުގެ ދައުރު މިހާރަށް ވުރެ ފުޅާވެ، އިގުތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެމްޕީއެލްގެ ޗީފް ލޮޖިސްޓިކްސް އޮފިސަރު އަހުމަދު ނާޒިމް ވިދާޅުވި އެވެ.