ރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީއަށް ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އެޕާޓީގެ އެއްބަޔަކު އަނެއްބަޔަކަށް ވަގަށްގޮވާ ހިސާބަށް ހިނގައްޖެ އެވެ.

މަޖިލީހުގެ ރައީސް، އެކި މެމްބަރުންނަށް އިންޒާރު ދެއްވައި އެމެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމުގެ ބިރު ދައްކަވަނީ އެވެ. ކޮމިޓިތަކުގެ ބޮލުގައި އިލްޒާމު އަޅުވައި އެއްބަޔަކު އަނެއްބަޔަކު ކުށްވެރިކުރާ މަންޒަރު އަންނަނީ ފެންނަމުންނެވެ.

ފާއިތުވެ ދިޔަ ދެތިންމަސް ދުވަހު ކަންތައް ހިނގާ ދިޔަ ގޮތަށް ބަލާއިރު ދައުލަތުގެ ހުރިހާ ވެސް ބާރަކީ ރައްޔިތުންގެ މަޖިލީސް ހެން ހީވާ ހިސާބަށް ކަންތައް ގޮސްފި އެވެ. ސަރުކާރުން ހިނގާ ނުހިނގާ ގޮތާއި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ދާންދެން އާންމުންނަށް ތިލަވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ. ޚާއްސަ ކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމަލު ކުރައްވަމުންގެންދަވަނީ ސަރުކާރު ހިންގަވަނީ އެމަނިކުފާނު ކަމަށް ދޭހަވާ ފަދަ ގޮތަކަށެވެ. ސަރުކާރުން ކުރަންޖެހޭ ކަންތައްތަކަށް ނިސްބަތްކުރައްވައި މިވެނި ކަމެއް ކުރައްވާނަމޭ އެ ވެނިކަމެއް ނުކުރައްވާނަމޭ ވިދާޅުވެ އެމަނިކުފާނު ވާހަކަފުޅު ދައްކަވަ އެވެ. މިއީ ދުނިޔޭގެ އެއްވެސް ތަނެއްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ދައްކަވާ ކަހަލަ ވާހަކަތަކެއް ނޫނެވެ.

ކަންތައް މިހިސާބަށްދާއިރު އެންމެ ފާހަގަ ކޮށްލެވޭކަމަކީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ ހިލަމެއް ނުވުމެވެ. ދިވެހި ރައްޔިތުންގެ ބޮޑު މެޖޯރިޓީއަކުން ހޮވައި، ބާރުތަކެއްދީ ވެރިކަން ހަވާލުކޮށްފައިވާ ރައީސަކު ގޮނޑީގައި އިންނެވި ކަމުގައި ވިޔަސް އެމަނިކުފާނުގެ އަޑެއް ބަޑެއް ނީވެ އެވެ. އެ މަނިކުފާނުގެ ކެބިނެޓު މިނިސްޓަރުންނަށް މަޖިލީހުގެ ރައީސާއި މެންބަރުން ފާޑުފާޑުގެ ޖެއްސުން ކޮށް، ބުލީ ކުރާއިރު ވެސް ކަހާތަން ހިރުވާ ވެސް ލެވޭ ކަމަކަށް ނުވެ އެވެ.

އެންމެ ފަހުން މަޖިލީހުގެ ރައީސް މިވަނީ ގައުމުގެ ވެރިކަން ބޭނުންވާކަން ފާޅުގައި ހާމަކުރައްވާފަ އެވެ. ރައީސަށް ދަންވަރު ފޮނުއްވި ވަރަށް އާދަޔާޚިލާފު މެސެޖެއްގައި ނުހަނު ސަރީހަކޮށް އެމަނިކުފާނު ވިދާޅުވެފައި ވަނީ ދެން އެއް ފަރާތެއްގައި ބަލަން ނުހުރެވޭނެ ކަމަށެވެ. ވެރިކަން ކުރައްވަން ބޭނުންފުޅު ކަމަށެވެ.

"މިގޮތަށް ހަވާސާގައި އަބަދު ހުންނާކަށް އަހަރެން ބޭނުމެއްވނޫން. އަހަރެން ބޭނުންވަނީ ގައުމު ހިންގުމުގައި ބައިވެރިވާން. އަހަރެން ބޭނުމީ ބޮޑުވަޒީރަކަށް ވާން،" މިއީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ އަރިހަށް ރައްޔިތުނގެ މަޖިލީހުގެ ރައީސް ފޮނުއްވި މެސެޖުގެ އިނގިރޭސި ބަހުން އޮތް ޖުމްލަކޮޅުގެ ދިވެހި ތަރުޖަމާ އެވެ. ކުޑަ ކުއްޖަކު މެޓައެއް ބޭނުންވެގެން މަންމަ ގާތު ކުސްތަޅާ ކަހަލަ ރާގަކަށް ގައުމުގެ ވެރިޔާއަށް ލިޔުނު މި މެސެޖުގައި ވެރިކަމުގެ ނިޒާމު ބަދަލުކޮށް އިންތިޚާބަކާ ނުލައި ފެންފޮދެއް ދިރުވާލާހާ ފަސޭހަކޮށް ގައުމުގެ ވެރިކަމަށް އިސްވުމުގެ އެޖެންޑާ އެމަނިކުފާނު ވަނީ ހުށަހަޅުއްވާފަ އެވެ.

މިފަދަ ބޮޑު ވާހަކައެއް މަޖިލީހުގެ ރައީސް ދެއްކެވުމުންވވެސް ގައުމުގެ ރައީސް އެކަމާ ގުޅުވައިގެން އެއްވެސް ވާހަކަ ފުޅެއް ނުދައްކަވަ އެވެ. އެހެނަސް އެމަނިކުފާނަށް ތާއީދު ކުރާ ފަރަތްތަކާއި މަޖިލީހުގެ ރައީސަށް ތާއީދު ކުރާ ފަރާތްތަކުގެ މެދުގައި ހޫނު ބަހުސުތަކެއް ކުރެވެމުން ދާތަން އަންނަނީ ފެންނަމުންނެވެ. މި އަރައިރުމުގައި މަޖިލިސްގެ ޖަލްސަތައް ހޫނުވެ، އެއްބަޔަކު އަނެއްބަޔަކަށް ވަގަށް ގޮވާ ހިސާބަށް މިހާރު ވަނީ ކަންތައް ގޮސްފަ އެވެ.

ގައުމުގެ އެންމެ އިސް މުއައްސަސާގެ ކަރާމަތާ ޝަރަފު ވެއްޔާ މޮޑެވި، ބާޒާރުމަތީ ބަހުރުވައިން މުޚާތަބުކޮށް ސަރުކާރުގެ އަގު ވެސް ވައްޓާލަމުންދާއިރު މިއިންކަމަކާ ބެހިވަޑައިގެން މައްސަލަތައް ހަމަޖެއްސެވުމަށް ގައުމުގެ ރައީސް އެއްވެސް ކަމެއް ކުރައްވާ ތަނެއް ނުފެނެ އެވެ. އެމަނިކުފާނުގެ މި ނެގިމަޑު ސިޔާސަތުން ފައިދާ ނަންގަވައި މަޖިލީހުގެ ރައީސް މިވަނީ ވެރިކަން ބޭނުންފުޅުކަން ސީދާ އިއުލާން ކުރައްވާފަ އެވެ.

ވެރިކަން ހޯއްދެވުމަށް އޮތް ފާލަން ކަމުގައިވާ ބަރުލަމާނީ އަށް އެމަނިކުފާނު މިވަނީ ވަރުގަދަ ކެމްޕެއިނެއް ފައްޓަވާފަ އެވެ. އެ ކެމްޕޭނުގެ ހަނގުރާމަ ފުދޭވަރަކަށް ހޫނުވާނެ ކަމުގައި ފެނެ އެވެ. އެ ހަނގުރާމައިގެ ފޯރި އެންމެ ގަދަވާނެ ކަމަށް ބެލެވޭ މަޖިލިސްގެ ޖަލްސާތަކަށް ފަހު ތަޅާލުންގަނޑު ހަމަ ކޮންމެ ހިނދުކޮޅެއްގައި ވެސް އައިސްދާނެ އެވެ. އެ ތަޅާލުން ނިމޭއިރު ބައެއްގެ ގޮނޑިތައް ވެސް ގެއްލޭނެ ކަމުގެ އިންޒާރު ވެސް މިވަނީ ލިބިފަ އެވެ. ގެއްލެނީ ކާކުގެ ގޮނޑިކަން ބަލަން ފަހު ތަޅާލުމަށް ޖެހޭނީ އިންތިޒާރު ކޮށްލާށެވެ.