ރަށްރަށް ކަންތައްތައް ކުރެެން އޮތީ ދިވެހި ރައްޔިތުން ރައީސް މުހައްމަދު މުއިއްޒާއެކު ތިބިކަން ދައްކައިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ރައީސް މުއިއްޒާއެކު ތިބިކަން ހާމަކުރުމަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންޖެހޭ ކަމަށެވެ.

ޖުމްހޫރީ ޕާޓީން ވާދަކުރަނީ އދ. މާމިގިލީ ކައުންސިލާއި އެ އަތޮޅު ފެންފުށީ ކައުންސިލަށް އެކަންޏެވެ. އެ ދެ ކައުންސިލަށް ޕީއެންސީން ކެންޑިޑޭޓުން ނުނެރެ އެވެ.

ގާސިމް ވިދާޅުވީ ގައުމުގެ މަސްލަހަތާއި އަމާންކަމަށްޓަކައި ވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންޖެހޭ ކަމަށެވެ.

"އެހެންވިމަ ރައްޔިތުންނޭ ވިސްނާށޭ، މާލޭ ސިޓީ ކަމަށްވިޔަސް، އައްޑޫ ސިޓީ ކަމަށް ވިޔަސް، ކުޅުދުއްފުށި ވިޔަސް އެހެން ތަނެއް ވިޔަސް އެއްވެސް ސިޓީ ކައުންސިލަކުން ވެސް ޕީއެންސީގެ މެންބަރަކަށް ނޫން ބަޔަކަށް ވޯޓު ދީގެން މި އަންނަ ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ތިބޭފުޅުންނަށް ކޮން ކަމެއް ކުރެވޭނީ؟" ގާސިމް ސުވާލުކުރެއްވި އެވެ.

ދައުލަތުގެ ދަރަނިތައް އިތުރުވީ ފާއިތުވި ސަރުކާރުތަކުން އިންތިހާބުތަކާ ދިމާކޮށް ހިތުހުރިގޮތަކަށް ހަރަދުކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޕާޓީން ޕީއެންސީއަށް ތާއީދުކުރަން ނިންމީ ގައުމަށް ލޮޅުމެއް އަޔަނުދިނުމަށްޓަކައި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި ޖޭޕީން ޕީއެންސީއަށް ތާއިދުކުރަން ނިންމީ، ގައުމަށް އެއްވެސް ކަހަލަ އިތުރު ލޮޅުމެއް އެއްވެސް ސިފައެއްގައި އައުމަށް ފުރުސަތު ނުދިނުމަށް ކަމަށެވެ.

"މި ލޯނުތައް ދައްކާނެ މަގެއް ވެސް އެ މަނިކުފާނަށް ހޯއްދެވޭނީ ވެސް އަޅުގަނޑުމެންގެ ސޮލިޑާރިޓީ، ދިވެހި ރައްޔިތުންގެ އެއްބާރުލުން އެ މަނިކުފާނާ އެކީ އޮތްކަން އަޅުގަނޑުމެން ފުރިހަމައަށް ދައްކުވައިދީގެން،" ގާސިމް ވިދާޅުވި އެވެ.