ސަރުކާރުން ބާއްވަމުން އަންނަ ސްޕޯޓްސް އެވޯޑް މި އަހަރު ދެ ފަހަރު ބާއްވަން ނިންމާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފި އެވެ.
2022 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގައި ދޭންފެށި ސްޕޯޓްސް އެވޯޑް އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު މާދަމާރޭ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ސްޕޯޓްސް އެވޯޑް 2025 ގެ ނަމުގައި އެވޯޑް ހަފްލާ ޕްރޮމޯޓް ކުރަމުން ގޮސް، އެވޯޑްގެ އަހަރާއި މެދު ބަހުސް ފެށުނީ ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލަކު ސްޕޯޓްސް އެވޯޑަށް ނޮމިނޭޓްވުމާއި ގުޅިގެން އާއްމުންގެ ސުވާލުތައް އަމާޒުވާން ފެށުމުންނެވެ.
އެގޮތުން ރައީސްގެ ދަރިކަލުން ސަރުކާރުން ދޭ އެވޯޑަކަށް ނޮމިނޭޓްވުމުން ބައެއް ފަރާތްތަކުން ފާޑުކިޔަން ފެށުމުން، ސަރުކާރުގެ ދިފާއުގައި މުސާރައަށް މަސައްކަތްކުރައްވާ ބައެއް ފަރާތްތަކުން ވަނީ ދަރިކަލުން ހޯއްދެވި ކާމިޔާބީތަކުގެ ލިސްޓް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
އެއާއެކު ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ރައީސްގެ ދަރިކަލުންގެ ކާމިޔާބީތަކުގެ ލިސްޓުގައި 2024 ވަނަ އަހަރުގެ ކާމިޔާބީތައް ހުރުމުންނެވެ.
އެކަމަށް ފާޑުކިޔުން އަމާޒުވުމުން، ސްޕޯޓްސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާދަމާރޭ ބާއްވަން ހަމަޖެހިފައިވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" އަކީ 2024 ވަނަ އަހަރު ޤައުމީ ޓިމްތަކާއި، ކުޅުންތެރިން އަދި އޮފިޝަލުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ އެވޯޑު ހަފުލާއެއް ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މި ހަފްލާ 2025ގައި ކުރިން ބާއްވަން ހަމަޖެހިފައި އޮތް ނަމަވެސް އެކި ސަބަބުތަކާއިހުރެ މިއަހަރަށް ފަސްކުރެވުނީ ކަމަށެވެ.
"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" މާދަމާރޭ ބޭއްވިނަމަވެސް 2025ގެ ކާމިޔާބީތައް ފާހަގަކުރާ އެވޯޑު ހަފުލާ، "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2026" މިއަހަރުގެ ފަހުކޮޅު އޮންނާނެ" މިނިސްޓްރީން ބުންޏެވެ.
ސްޕޯޓްސް އެވޯޑަށް ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ނޮމިނޭޓް ވެފައި ނެތުމުންވެސް ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސްޕޯޓްސް އެވޯޑް އެންމެ ފަހުން ބޭއްވީ އޮކްޓޯބަރު 2024 ގަ އެވެ. އެއީ 2023 ގެ އެވޯޑް ހަފުލާ އެވެ. އެ އަހަރު ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންގެ އެވޯޑް ހޯދީ ޓީޓީ ދެ ތަރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއީލް އެވެ.
ހެދުން އަލަމާރި ފަޅު ފިލުވާލަން "ކެޕްސޫލް ވޯޑްރޯބް"!
މާ ގިނައިން ފެން ބުއިމަކީ މައްސަލައަކަށް ވެދާނެތަ؟
ގިގީ ދެކެ ހަގީގީ ލޯބި ނުވާ ކަމަށް ޒޭން އެއްބަސްވެއްޖެ