ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ބަތަލާ މުރުނާލް ތާކޫރުގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ފަހަކަށް އައިސް ގިނަ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. ވަކިން ހާއްސަކޮށް، އިންޑިއާގެ ސައުތުގެ މަޝްހޫރު އެކްޓަރު ދަނުޝްއާ އޭނާއާ ދެމެދު ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެ ފެތުރެމުންދާ އަޑުތައް ވަނީ ގަދަވެފަ އެވެ. މުރުނާލް މިކަން ތަކުރާރުކޮށް ދޮގުކުރި ނަމަވެސް، ދެ މީހުން ކައިވެނިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރުން ހުއްޓުމަކަށް ނައެވެ.

ދާދި ފަހުން މުރުނާލް ވަނީ އޭނާގެ ލޯބީގެ ދިރިއުޅުމުގެ ހަގީގަތް ހާމަކޮށްފަ އެވެ. އޭނާ މި ވާހަކަތައް ދެއްކީ ކުރިއަށް އޮތް ފިލްމު "ދޫ ދީވާނޭ ސެހެރު މޭ" ގެ ޕްރޮމޯޝަންގެ ތެރެއިން އެކްޓަރު ސިދާންތު ޗަތުރްވެދީއާއެކު "ޒޫމް" އަށް ދިން އިންޓަވިއުއެއްގަ އެވެ. މި އިންޓަވިއުގައި، އޭނާގެ ލޯބީގެ ގުޅުންތައް ސިއްރުކުރަން ބޭނުންވޭތޯ ނުވަތަ ހާމަކުރަން ބޭނުންވޭތޯ ސުވާލުކުރުމުން، މުރުނާލް ސާފުކޮށްދިނީ މިވަގުތު އޭނާ އެއްވެސް މީހަކާ ގުޅިގެން ނޫޅޭ ކަމަށެވެ. އޭނާ ބުނި ގޮތުގައި، މިވަގުތު އޭނާ ހުރީ ލޯބިވެރިއަކު ހޯދުމުގެ މަގުމަތީގަ އެވެ. އަދި ނެތް ގުޅުމެއްގެ ވާހަކަ ދައްކާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދި އެވެ.

މި އިންޓަވިއުގައި ދަނުޝްއާ ކައިވެނިކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް މުރުނާލް ރައްދުދިނީ ވަރަށް ސަމާސާ ރާގަކަށެވެ. ކައިވެނީގެ އަޑުތައް ގަދަވެފައިވާތީ އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން އޭނާ މަޖާކޮށްލާފައި ބުނީ، މީހުން އުންމީދު ކަނޑާނުލާ ތިބުމަށާއި، ކައިވެނީގެ ޖާފަތަށް ކާން އައުމަށް ދައުވަތު އަރުވާ ކަމަށެވެ. މީގެން ދޭހަވަނީ އޭނާ މި އަޑުތަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމެވެ.

މީގެ އިތުރުން "ގަލައްޓާ އިންޑިއާ" އަށް ދިން އެހެން އިންޓަވިއުއެއްގައި މުރުނާލް ބުނީ، މި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި، އޭނާ ނުދައްކާ ވާހަކަތަކެއް އޭނާ ދެއްކި ކަމަށް ބުނެ ފެތުރުމަކީ ބިރުވެރި ކަމެކެވެ.

މީގެ ކުރިން ވެސް މުރުނާލް ވަނީ ދަނުޝްއާ ދެމެދު އޮތީ ހަމައެކަނި ރަހުމަތްތެރިކަން ކަމަށް ބުނެފަ އެވެ. "ސަން އޮފް ސަރުދާރު 2" ގެ ޕްރިމިއާގައި ދަނުޝް ބައިވެރިވުމުން ވެސް މުރުނާލް ބުނީ އޭނާއަކީ ގާތް ރަހުމަތްތެރިއެއް ކަމަށެވެ. އަދި ދަނުޝްއާ ގާތް ފަރާތްތަކުން ވެސް ވަނީ ކައިވެނީގެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް، ހަމައެކަނި ފެތުރިފައިވާ އަޑުތަކެއްކަން ކަށަވަރުކޮށްދީފަ އެވެ.