މިދިޔަ އަހަރުގެ ތެރޭގައި އައިޖީއެމްއެޗުގެ ނިއުރޮލޮޖީ ޑިޕާޓްމަންޓުން 532 މީހަކަށް ސްޓްރޯކް ޖެހިގެން ފަރުވާދީފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން އެގޮތަށް ދައްކާފައިވާއިރު، ރާއްޖޭގެ އާބާދީގެ ނިސްބަތުން ނާރުގެ ބަލިތަކާއި ސްޓްރޯކް ޖެހޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ސްޓްރޯކް ނުވަތަ ހާޓްއެޓޭކް ޖެހިގެން ރާއްޖޭގައި ފަހަކަށް އައިސް މަރުވާ މީޙުންގެ އަދަދު ގިނަކަން ވަނީ ފާހަގަކުރެވިފަ އެވެ. ރާއްޖޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި ސްޓްރޯކް ޖެހޭ ފިރިހެނުންގެ އަދަދު އިތުރެވެ.
އެގޮތުން މިދިޔަ އަހަރު ސްޓްރޯކް ޖެހިގެން ފަރުވާ ހޯދި މީހުންގެ 70 އިންސައްތައަކީ ފިރިހެނުންނެވެ. އަދި 30 އިންސައްތައަކީ އަންހެނުންނެވެ. އުމުރުފުރާތަކަށް ބަލާއިރު، 61 އިންސައްތައަކީ 61 އަހަރާއި 80 އަހަރާ ދެމެދުގެ މީހުންނެވެ.
ރާއްޖޭގައި ސްޓްރޯކް ޖެހޭ މިވަރު އިތުރުވެފައިވާއިރު، އެ ކަމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ނާރުގެ ބަލިތަކާއި ސްޓްރޯކަށް ޚާއްސަ ސެންޓަރެއް ވެސް މިހާރު ވަނީ ހުޅުވާފަ އެވެ.
އައިޖީއެމްއެޗުގެ ނިއުރޮލޮޖީ ޑިޕާޓްމަންޓުގެ މި ތަފާސްހިސާބުތައް ހާމަކުރައްވަމުން ނިއުރޮލޮޖިސްޓް ޑރ. އަހުމަދު ރަޝީދު ވިދާޅުވީ މިދިޔަ އަހަރު ނާރުގެ ބަލިތަކުގައި ޖުމްލަ 1،089 މީހުން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވާ ކަމަށެވެ.
މީގެ ތެރެއިން އެންމެ ގިނައީ ސްޓްރޯކް ޖެހިގެން ފަރުވާ ހޯދި މީހުންކަމަށާއި ސްޓްރޯކް ޖެހުނު މީހުންގެ ތެރެއިން 70 އިންސައްތައަކީ ސިކުނޑީގެ ލޭ ހޮޅިއެއް ބެދިގެން ސްޓްރޯކް ޖެހުނު މީހުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ބާކީ 30 އިންސައްތައަކީ ލޭ ހޮޅިއެއް ފަޅައިގެން ގޮސްގެން ސްޓްރޯކް ޖެހުނު މީހުންކަން ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.
ނަމަވެސް، 40 އަހަރުން ދަށުގެ ޒުވާނުންގެ ނިސްބަތް 40 އިންސައްތައިގައި ހުރުމަކީ ހިތާމަހުރި ކަމެއްގެ ގޮތުގައި ޑރ. ރަޝީދު ފާހަގަކުރެއްވި އެވެ.
"އޯޕީޑީގެ ސަރވިސްއަށް ބަލާއިރު 9400 މީހުން ޑޮކްޓަރަށް ދައްކާފައިވޭ،" އޭނާ ވިދާޅުވި އެވެ.
މީގެ ތެރެއިން ސްޓްރޯކް ކްލިނިކަށް 700 އަށްވުރެ ގިނަ ފޮލޯއަޕް ހެދިފައިވާ ކަމަށާއި ނާރުގެ 908 ޓެސްޓެއް ވެސް ހެދިފައިވާ ކަން ޑރ. ރަޝީދު ވިދާޅުވި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި އަލަށް ހުޅުވި "ނޭޝަނަލް ސެންޓަ ފޯ ނިއުރޯ ސައިންސް އެންޑް ސްޓްރޯކް" އާއެކު، ރާއްޖޭގައި ނާރުގެ ބަލިތަކަށް ދޭ ފަރުވާ އިތުރަށް ހަރުދަނާ ވެގެންދާނެ އެވެ.
މި ސެންޓަރުގެ ސަބަބުން ރޮބޮޓިކް ޓެކްނޮލޮޖީ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ސިކުނޑިއާއި މައިބަދައިގެ އޮޕަރޭޝަންތައް ކުރުމުގެ މަގު ފަހިވާނެ އެވެ.
މަޖިލިސް އިންތިހާބު މިހާރު ބާއްވަމުން އަން ގޮތް ބަދަލުކުރަން ޖެހޭ
މައިމުޅަވުމުން ވެސް ތަރިކައިން ގޯތި ލިބޭ ގޮތް ހަދަން އިސްލާހެއް
ބޮޑުތަކުރުފާނުގެ މަގުގެ ދެވަނަ ސެގްމެންޓް ހުޅުވާލައިފި