ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ތާރީހީ މިސްކިތްތައް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން، މައްކާގެ އަލްޖުމޫމް ގަވަރުނަރޭޓްގައި ހުންނަ ތާރީހީ އަލްފަތުހު މިސްކިތް އާބާތުރަފިލުވުމުގެ މަސައްކަތް ފަށައިފި އެވެ. މިއީ މި މަޝްރޫޢުގެ ދަށުން މަރާމާތުކުރުމަށް ހަމަޖެހިފައިވާ 130 މިސްކިތުގެ ތެރެއިން މިހާރު މަސައްކަތް ކުރިއަށްދާ 60 މިސްކިތުގެ ތެރޭގައި ހިމެނޭ މިސްކިތެކެވެ.

ކީރިތި ރަސޫލާ ﷺ ނަމާދުކުރެއްވި ކަމަށް ބެލެވޭ މި ތާރީހީ މިސްކިތް މި މަޝްރޫއުގެ ދަށުން ބޮޑުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިސްކިތުގެ ބޮޑުމިން 455.77 އަކަމީޓަރުން 553.50 އަކަމީޓަރަށް ބޮޑުކުރެވޭނެ އެވެ. މީގެ ސަބަބުން މިސްކިތުގައި އެއްފަހަރާ ނަމާދުކުރެވޭ މީހުންގެ އަދަދު 218 އިން 333 އަށް އިތުރުވެގެންދާނެ އެވެ.

މިސްކިތް އާބާތުރަފިލުވުމުގެ މަސައްކަތުގައި ބޭނުންކުރަމުންދަނީ ހިޖާޒު ސަރަހައްދުގެ އާކިޓެކްޗަރަލް ސްޓައިލް ނުވަތަ ބިނާކުރުމުގެ ފަންނުވެރިކަން ދެމެހެއްޓޭނެ ފަދަ ގުދުރަތީ ތަކެއްޗެވެ. މީގެ ތެރޭގައި ގަލާއި، ބަސާލްޓް ހިލައާއި، ޖިޕްސަމް އަދި ލަކުޑި ހިމެނެ އެވެ. އަދި މިސްކިތުގެ ފާރުތަކުގައި ހުންނަ އަތްތެރި މަސައްކަތުގެ ރީތި ލަކުޑި ސްކްރީންތައް ފަދަ ސަގާފީ ބައިތައްވެސް އެގޮތުގައި ހިމާޔަތްކުރެވޭނެ އެވެ.

މައްކާއާއި މަދީނާއާ ގުޅުވައިދޭ މަގާ 260 މީޓަރު ދުރުގައި ހުންނަ މި މިސްކިތަކީ ގިނަ އަހަރުތަކެއް ވަންދެން އަޅާނުލެވި އޮތް ތަނެކެވެ. ސައުދީ ޕްރެސް އެޖެންސީން ރިޕޯޓްކުރާ ގޮތުގައި، މި މިސްކިތް އެންމެ ފަހުން ބޮޑު މަރާމާތެއް ކޮށްފައިވަނީ 1998 ވަނަ އަހަރު އެވެ. އެ ފަހަރު މިސްކިތުގައި އަންހެނުން ނަމާދުކުރާނެ ބަޔަކާއި އިތުރު ވަސީލަތްތައް ގާއިމުކުރެވުނެވެ.

މި މަޝްރޫޢަކީ ސައުދީ އަރަބިއްޔާގެ 13 ސަރަހައްދެއްގައި ކުރިއަށްދާ މަސައްކަތެކެވެ. މީގެ ތެރޭގައި ރިޔާޟް، މަދީނާ، އަސީރު، ޖައުފް އަދި ޖާޒާން ހިމެނެ އެވެ. މިއީ ސައުދީގެ ވިސަން 2030 ގެ ދަށުން އެ ގައުމުގެ ސަގާފީ ތަރިކަ ހިމާޔަތްކުރުމަށާއި، މިސްކިތްތަކުގެ ތާރީހީ އަދި ދީނީ މުހިންމުކަން ދެމެހެއްޓުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.