ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން ހިންގާނެ އޮފީސް އިމާރާތެއް ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

އެ ކޮމިޝަނުން އެދިގެން ކުރިއަށްގެންދާ މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ ތެރެއިންނެވެ.

މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ. ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދޭއްގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށެވެ.

ރަމަޟާން މަހު ފައިސާ ބަލައިގަންނާނީ ހެނދުނު 9:30 އިން މެންދުރު 1:00 އަށެވެ. ފައިސާ ދައްކަންޖެހޭނީ ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް "ބަނޑޭރި ޕޭ" މެދުވެރިކޮށެވެ. ފައިސާ ދެއްކުމަށްފަހު، ރަޖިސްޓްރީވުމަށް ބޭނުންވާ މައުލޫމާތާއި ރަސީދުގެ ކޮޕީ އީމެއިލް މެދުވެރިކޮށް ފޮނުވަންޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުގެ ގިނަ އަދަދެއްގެ އޮފީސްތައް ހިންގަނީ ކުއްޔަށް ނަގާފައިވާ އިމާރާތްތަކުގަ އެވެ. އޮފީސް އިމާރާތުގެ ކުއްޔަށް ސަރުކާރުގެ ބަޖެޓުން ކޮންމެ އަހަރަކު އެތައް ބިލިއަން ރުފިޔާއެއް ހަރަދުކުރެ އެވެ.

މިކަމަށް އޮތް ދާއިމީ ހައްލަކީ އޮފީސް އިމާރާތްތައް އެޅުމެވެ. ނަމަވެސް މި ސަރުކާރުން އެފަދަ ކަމެއް އަދި ނުކުރެ އެވެ.