ކޮވިޑް ޖެހިގެން މިއަދު ދެވަނަ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިރޭ މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދިޔަ އިންޑިއާގެ ފިރިހެނެކެވެ.

އެއީ އުމުރުން 50 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ މަރުވީ މިރޭ 8:44 ގައި ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

މިއާ އެކު، ރާއްޖެ އިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 73 އަށް ވަނީ އަރައިފަ އެވެ. ކޮވިޑް ބަލީގައި މިއަދު ދެ މީހަކު މަރުވިއިރު، އެ ބައްޔަށް މިހާރު ކޮންމެ ދުވަހަކު ވެސް 200 އަށް ވުރެ ގިނަ މީހުން ރާއްޖެއިން އަންނަނީ ޕޮޒިޓިވްވަމުންނެވެ.

ކޮވިޑް ޖެހިގެން މިވަގުތު ވެސް 4،000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން އެބަ ދެ އެވެ. އޭގެ ތެެރެއިން 119 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.