ކަންބޮޑުވާންޖެހޭ މިންވަރަށް މިއަދު ރާއްޖެއިން ކޮވިޑަށް މީހުން ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން ޖުމްލަ 464 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

މާލެ ސަރަހައްދުން 207 މީހުން ޕޮޒިޓިވްވިއިރު، 146 މީހަކު ވަނީ އަތޮޅު ތެރެއިން ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓްތަކުން 14 މީހަކާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށަކުން އެކަކު، ސިނާއީ މަސައްކަތް ކުރާ ރަށަކުން 93 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 464 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 29،053 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 4،396 ގައި މިހާރު ހުރިއިރު 24،4575 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 122 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 73 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑް ކޭސްތައް ފެނި މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކަކީ އއ. ބޮޑުފޮޅުދޫ، އއ. މަތިވެރި، އދ. މަހިބަދޫ، އދ. މާމިގިލި، ބ. އޭދަފުށި، ހދ. ހަނިމާދޫ، ކ. ހިންމަފުށި، ކ. މާފުށި، ކ. ހުރާ، ކ. ތުލުސްދޫ، ކ. ގުޅި، ޅ. ނައިފަރު، ޅ. ފެލިވަރު، ށ. ޅައިމަގު، ތ. ކިނބިދޫ، ތ. ތިމަރަފުށި، ތ. ވޭމަންޑޫ، ތ. އޮމަދޫ، ތ. ވިލުފުށި، ތ. ގާދިއްފުށި، ލ. މާންދޫގެ އިތުރުން ގދ. ތިނަދު އެވެ.