ދުނިޔޭގެ ޑިމޮކްރަސީތަކުގައި ވެރިމީހާ ހިތުހުރިހައި ގޮތަކަށް ކަންކަން ކުރަން ޖާގަނުދޭކަން އެމެރިކާގެ ސުޕްރީމް ކޯޓުގެ ނިންމުމުން ސާބިތުކޮށްދީފި ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ބައެއް ގައުމުތަކަށް އެކްސްޕޯޓްކުރާ މުދަލުން ޓެރިފެއް ނަގަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމެވި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ވެރިމީހާ ކުރާކަންތައް ގާނޫނުގެ ހުދޫދުތެރޭ ހިފަހައްޓަން އޮންނަ ދުސްތޫރީ ޒިންމާ ޖުޑިޝަރީން އަދާކުރާކަން މިއަދު އެމެރިކާގެ ސުޕްރީމް ކޯޓުން ފެނިގެން މިދިޔައީ ކަމަށެވެ.
ރާއްޖޭގައިވެސް މިޒިންމާ ދުސްތޫރުން އޮތީ ކޯޓްތަކާ ހަވާލުކޮށްފައި ކަމަށާއި ގާނޫނުއަސާސީގެ 142 ވަނަ މާއްދާ ތަސައްވުރުކުރަނީ ދައްކާ ބިރަކަށް ޖެހިލުން ނުވާ ޖުޑިޝަރީއެއް ކަމަށް ޖަމީލް ވިދާޅުވި އެވެ.
"އެކަމަކު މުއިއްޒު ލަފުގައި ހިފާފަ ހޫރުވާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން. މުއިއްޒު ހުށަހަޅައި ފާސްކުރި މުއިއްޒަށް މަޖްލިހުގެ ބާރު ލިބޭ ގާނޫނުގެ ދުސްތޫރީ ހައިސިއްޔަތު ބަލަން ފެށުމުން ނޫންތޯއެވެ؟ އެއަށްފަހު މިއަދާ ހަމަޔަށް އެކޯޓުން މާނަވީ އެއްވެސް ކަމެއްކޮށްފިތޯއެވެ؟ އެކޯޓުގެ ރައުޔަށް ބޭނުންވާ ބޮޑަތި އެއްވެސް ކަމެއް ނިންމައިފިތޯއެވެ؟،" ޖަމީލް ވިދާޅުވި އެވެ.
މުޅި ރާއްޖޭގެ ދުސްތޫރީ ނިޒާމު ގަނޑުބަޑު ކުރަން ރައީސް މުހައްމަދު މުއިއްޒަށް ހިތްވަރު ލިބެނީ ދަތްނެތް ޖުޑިޝަރީގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ލަންކާގައި ބުޅަލުން ޖެހޭ ބައްޔެއް ފެތުރެނީ
އިންޒާރާއެކު އެއްބަސްވުމަކަށް އައުމަށް އީރާނަށް މުހުލަތެއް
