މިދިޔަ ޖެނުއަރީ މަހު ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް)ގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 58.6 ޕަސެންޓް އިތުރުވެއްޖެ އެވެ.
ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ދެ ބާވަތެއްގެ ޓެކުސް ނުވަތަ ފީއެއް ނަގަ އެވެ. އެއީ ޑިޕާޗާ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު ޑިޕާޗާ ޓެކުހުގެ ގޮތުގައި ދައުލަތައް 180 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައި ވަނީ 115 މިލިޔަން ރުފިޔާ އެވެ. އެހެންކަމުން މިއީ 56.5 ޕަސެންޓް އިތުރުވުމެކެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ މަހު ދައުލަތައް ލިބިފައި ވަނީ 188 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 117 މިލިއަން ރުފިޔާ އެވެ. އެހެންކަމުން 60.6 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި މިދިޔަ މަހު ލިބިފައި ވަނީ 368 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބިފައި ވަނީ 232 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 58.6 ޕަސެންޓް އިތުރު އަދަދެކެވެ.
ޑިޕާޗާ ޓެކްސް ނަގަން ފަށާފައި ވަނީ ޖަނަވަރީ 1، 2022 އިން ފެށިގެންނެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެކެވެ. މި ފީ ނަގަން ފަށާފައި ވަނީ މެއި 1، 2017 އިން ފެށިގެންނެވެ.
ޑިޕާޗާ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދިން ހިމެނެ އެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އިން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުން ހިމެނެ އެވެ.
ގެއްލިގެން ހޯދި އިމްތިޔާޒު ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ
ސުވާލާއި ޖަވާބު: ރޯދައަށް ހުރެ ނިޔަފަތި ކެނޑޭނެތަ؟